ސްރީލަންކާ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި ހަތަރު ދިވެހިންނާ ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކުތަކާ ގުޅުން އޮންނަ ކަމަށް އެގައުމުގެ ފުލުހުން ތުހުމަތުކޮށްފި އެވެ.

ލަންކާއަށް ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު ދިވެހިންގެ އިތުރުން ލަންކާގެ ތިން މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އެމީހުން ހައްޔަރުކޮށްފައި ވަނީ އެއާޕޯޓުން މަސްތުވާތަކެތި ބޭރަށް ނެރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންނާ ހަވާލާދީ ލަންކާ ނޫސްތައް ބުނެ އެވެ.

ލަންކާ އެއާޕޯޓުން ނެރެން އުޅެނިކޮށް ހިފެހެއްޓި މަސްތުވާތަކެތި -- ފޮޓޯ: ޑެއިލީ މިރަރ

ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރު ކުރި ހަތް މީހުންނަކީ ވެސް ބައިނަލްއަގުވާމީ ޑްރަގް ނެޓުވޯކެއްގައި ހިމެނޭ، ނުވަތަ ގުޅުން އޮންނަ ބައެއް ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

ލަންކާ އަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރުމުގެ ގިނަ މައްސަލަތަކެއް ފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ.