މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގަމުން އަންނަ "ރައްކާ" ކެމްޕެއިން މިއަހަރު ވެސް އެލައިޑް އިންޝުއަރެންސާ ގުޅިގެން ކުރި­ގެންދަން އެއްބަސްވެއްޖެ އެވެ.

ރާއްޖޭގެ މަގުތަކަކީ އަމާންތަނަކަށް ހެދުމުގެ މަގްސަދުގައި ފުލުހުން ކުރިއަށްގެންދާ އެ ކެމްޕެއިނަށް މިއަހަރު ތިން އަހަރުވާނެ އެވެ.

އެގޮތުން ފުރަތަމަ ކެމްޕެއިން މާލޭގައި ބޭއްވިއިރު، ދެވަނަ ކެމްޕެއިން ބާއްވާފައިވަނީ މިދިޔަ އަހަރު އައްޑޫ ސިޓީގައި އެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް އެ ކެމްޕެއިން ފުލުހުން ހިންގާފައިވަނީ އެލައިޑާ ގުޅިގެންނެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެލައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ރިޔާޒީ އާއި ނިއުޝާދު ޝަރީފެވެ. މޯލްޑިވްސް ޕޮލިސްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ސުޕަރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ތާވޫދެވެ.

"ފުރާނައިގެ ނުރައްކަލަށް ރައްކާތެރި ދުވެލި ހިޔާރުކުރައްވާ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިއުމަށް ރާވާފައިވާ އެ ކެމްޕެއިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް ނުވަތަ މެއި މަހުގެ ތެރޭގައެވެ. ކެމްޕެއިން ހިންގާނީ ފޮނަދޫ އާއި ކައްދޫ ގެ އިތުރުން މާންދޫ އަދި ގަމުގައެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ކެމްޕެއިންގެ ތެރޭގައި ސަރުކާރު މުވައްޒަފުންނާއި އަމިއްލަ ޖަމިއްޔާތަކާއި ޒުވާނުންގެ އިތުރުން ޓެކްސީ ޑްރައިވަރުން އަދި ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރަކާއި ޓްރެފިކް ސެންސިޓައިޒޭޝަން ޕްރޮގްރާމެއް ވެސް ހިންގުމަށް ވަނީ ހިމަނާފަ އެވެ.