ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ އިލެކްޝަންސް ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްފިއެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނާއި ޔޫއެންޑީޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެސެންޓިވް ޝޯކޯ ނޯޑާއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މާޒީގެ ތަޖުރިބާއަށް ބެލުމަށްފު އިންތިޚާބީ ނިޒާމް ހަރުދަނާކުރުމަށް ސްޓްރެޓީޖިކް ޕްލޭން ވަރަށް ބޮޑަށް ބާރު އަޅާފައި ވާނެ ކަމަށެވެ.

އަމްޖަދު ވިދާޅުވީ އިންފޮމޭޝަން ކޮމިއުނިކޭޝަންގެ އެހީގައި މިހާރަށްވުރެ ފަސޭހަކަމާއެކު ޚަރަދު ކުޑަކޮށް އެ ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.

"އިންފޮމޭޝަން ކޮމިއުނިކޭޝަންގެ އެހީގައި މިހާރު އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް އަޅުގަނޑުމެންނަށް މާ ޚަރަދު ކުޑަކޮށް މާ އަވަހަށް މާ ފަސޭހަކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ގަބޫލުކުރަން،" އަމްޖަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނުން ގާއިމްކުރާ އެއްވެސް ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމަކަށް ނުވާނެ ކަމަށާއި އެހެންކަމުން މާހައުލަށް އަންނަ ބަދަލުތަކާ ގުޅިގެން އޭރެއްގަ އޮންނަ ހާލަތައް ބަލައި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

އެ ސްޓްރެޓީޖިކް ޕްލޭނަކީ ޔޫއެންޑީޕީ އާއި އިލެކްޝަންސް ކޮމިޝަންގެ ޕާޓްނާޝިޕްގެ ދަށުން އެކުލަވާލައި ތަންފީޒު ކުރަމުން އަންނަ ޕްލޭނެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސްޓްރެޓީޖިކް ޕްލޭން ތަންފީޒު ކުރުމުގެ މަރުހަލާގައި ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި އެންމެ އިސްކަމެއް ދޭނީ ކޮމިޝަންގެ ގާނޫނީ ވާޖިބުތައް މިހާރަށްވުރެން ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އިދާރީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށާއި އިންތިޚާބުގެ މަރުހަލާތަކާ މެދު ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއި އިތުބާރު އަށަގެންނެވުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

އެ ޕްލޭނަކީ ސްޓޭކްހޯލްޑަރުންގެ ޚިޔާލުތަކަށް އަންމިއްޔަތުކަންދީ އެފަރާތްތަކުގެ ވިސްނުމާ ވީހާވެސް ގުޅުންހުރި ގޮތަކަށް ތައްޔާރުކުރެވޭ ޕްލޭނަކަށް ހެދުމަށްޓަކައި އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ވިސްނުމެއް އެ ޕްލޭން އެކުލަވާލުމުގައި ގެންގުޅެފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި މީޑިއާގެ ފަރާތްތަކާއި އަދި އިންތިޚާބުގެ ކަންކަމަށް ފާރަވެރިވާ ގްރޫޕްތަކާއި އަމަން ބަލަހައްޓާ މުއައްސަސާތަކާއި ޖުޑިޝަރީ އާއި އެހެން މިނިވަން މުއައްސަސާތަކާއެކު ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގައި އިންޓަވިއުކޮށްފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.