28 Mar 2016, 12:49
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ދެ ވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްލައިން ކްލަބު ބަލިކޮށް ޓީރެކްސް ބާސްކެޓް ކްލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިޔަށް ދިޔަ ފައިނަލް މެޗު ވާދަވެރި ކުޅުމަކަށް ފަހު ޓީރެކްސް އިން ކާމިޔާބުކުރީ 99-91 ޕޮއިންޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޓީރެކްސްގެ އަހުމަދު ޒަބީރު (ޒަބީ) އެވެ.
ޓީރެކްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމް ވަނީ މިދިޔަ އަހަރު ބޭއްވި ފުރަތަމަ އެމްބީއޭ ކަޕްގެ ފައިނަލުގައި ވެސް ރެޑްލައިން ކްލަބް އަތުން މޮޅުވުމަށް ފަހު މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ޓީރެކްސްގެ އައިމިނަތު ޝިއުރާ އެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާފައި ވަނީ ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކު) އާއި ރެޑްލައިންގެ މުހައްމަދު ޒިލާލެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ މުޅިއަކު 156 ޕޮއިންޓް ހޯދާފަ އެވެ.
މުޅި މުބާރާތުގެ ވެސް އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިއަކަށް ރެޑްލައިންގެ އަހްމަދު އަފްސަން ރަޝީދު ހޮވުން އިރު ޓީރެކްސްގެ ޗިކު ވަނީ އެންމެ މޮޅު އޮފެންސިވް ކުޅުންތެރިއާގެ މަގާމު ހޯދާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވުނީ ރެޑްލައިންގެ އަލީ ފަޒްލީ އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ އަހުމަދު ޒަބީރު އެވެ.