28 Mar 2016, 11:40
ކޮލަމްބޯގެ ސްޓޮކް އެކްސްޗޭންޖް ނުވަތަ ކެޕިޓަލް މާކެޓުން ފައިސާ ހޯދުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ފެށުމުގެ ގޮތުން ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖާއި ކޮލަމްބޯގެ ސްޓޮކް އެކްސްޗޭންޖް އިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ގުޅިގެން މިއަދު ވަނީ ކޮލަމްބޯގެ ސްޓޮކް އެކްސްޗޭންގްގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ފޯރަމް އެއް ބާއްވާފަ އެވެ.
"ކޮލަމްބޯގެ ސްޓޮކް އެކްސްޗޭންޖާ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖާ ދެމެދު ގާއިމްކުރެވުނު އެމްއޯޔޫގެ ދަށުން އަޅުގަނޑުމެން ފުރުސަތު މި ހުޅުވާލަނީ ދިވެހި ކުންފުނިތަކަށް ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްގެން ފައިސާ ރެއިސް ކުރެވޭނެ ފުރުސަތު،" ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވި އެވެ.
އެގޮތަށް ލިސްޓު ކުރާއިރު ޝެއާ ވިއްކަން ނުޖެހޭނެ ކަމަށާއި ބޮންޑެއް ލިސްޓު ކޮށްގެން ވެސް ފައިނޭންސް ރެއިސް ކުރެވިދާނެ ކަމަށް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި އިންވެސްޓްމެންޓް ތަކަށް ފައިނޭންސް ބޭނުންވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބޭންކަކުން ފައިސާ ހޯދަން ބަލާއިރު ރާއްޖެއިން ލިބޭގޮތް ވަނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ތަޖުރިބާގެ އަލީގައި ވިސްނުނީ އިންޓަނޭޝަނަލް މާކެޓްތަކުން ފައިނޭންސް ރެއިސް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިފަ އޮތްކަން. އެހެންނޫނަސް ސްރީލަންކާ ތައިލޭންޑް ސިންގަޕޫރު ފަދަ ގައުމުތަކުން މިހާރުވެސް ދިވެހި ކުންފުނިތަކުން ވަރަށް ބޮޑެތި އަދަދުތަކުގެ ލޯނުތައް އެ ތަންތަނުގެ ބޭންކްތަކުން އެބަ ގަނާ. އެ ބޭންކުތަކުން ލިބޭ ލޯނުގެ އިންޓްރެސްޓް ރޭޓަށްވުރެ އަގުހެޔޮކޮށް މި ގައުމުތަކުގެ ސްޓޮކް އެކްސްޗޭންޖްތަކުން ފައިނޭންސް ރެއިސް ކުރެވެން އެބައޮތް،" –ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކުގައި ފައިދާ ވާނެ ކަމަށެވެ.
މިއަދު އެމްއެމްއޭގައި ކުރިއަށްގެންދާ ފޯރަމްގައި ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖާއި ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖާއި ސީއެމްޑީއޭގެ އިތުރުން ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެ އެވެ.