28 Mar 2016, 11:14
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަލަށް އެކުލަވާލައިފައިވާ "ޕެރިސް އެގްރީމެންޓް"ގައި ރާއްޖެ އިން ބައިވެރިވުމަށް ނިންމާފައިވާތީ އެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ބުނެފައި ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވެރިކަން ހިންގާ ފަރާތްތަކުން ބޭރުގެ އެއްވެސް މުއާހަދާއެއްގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށެވެ. އެހެންކަމުން "ޕެރިސް އެގްރީމެންޓާ" މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދިލައްވާ ކަމަށް ވެސް ރައީސް ޔާމީންގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
ޕެރިސް އެގްރީމެންޓަކީ ޔުނައިޓެޑް ނޭޝަންސް ފުރޭމް ވޯކް ކޮންވެންޝަން އޮން ކުލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީ) ބައިވެރިންގެ މެދުގައި ބޭއްވުނު ކޮޕް 21 ބައްދަލުވުމުގައި އެކުލަވާލެވުނު އެގްރީމަންޓެކެވެ.