ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ރިސޯޓު އޮޕަރޭޓާ ސޮނޭވާ ރިސޯޓްސް އެންޑް ރެޒިޑެންސީޒް އިން ނ. އަތޮޅުގައި އަންނަ ރިސޯޓެއް މިއަހަރުގެ ފަހުކޮޅު ހުޅުވަން ހަމަޖެހިއްޖެ އެވެ.

ނ. މެދުފަރުގައި މިހާރު ތަރައްގީކޮށް، ހުޅުވަން ތައްޔާރު ވަމުން އަންނަ ސޮނޭވާގެ އާ ރިސޯޓު ސޮނޭވާ ޖާނީގައި 57 ވިލާ ހުރެ އެވެ. އޭގެ ތެރޭގައި ހަމައެކަނި ކަނޑު އުޅަނދުގައި ދަތުރުކޮށްގެން ދެވޭ 24 މޫދު ކޮޓަރި ހިމެނެ އެވެ. މި 24 ވިލާއަކީ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ވިލާތަކެކެވެ.

މީގެ އިތުރުން ނ. މެދުފަރުގައި، ސޮނޭވާ ޖާނީގެ ތަފާތު ވިލާތަކެއް ވެސް ހަދާފައި ހުރެ އެވެ. އޭގެ ތެޜޭގައި އެއް ކޮޓަރީގެ 20 ވިލާ އާއި، ތިން ކޮޓަރީގެ 13 ބީޗު ވިލާ ހިމެނެ އެވެ. އެ ރިސޯޓުގެ ހުރިހާ ވިލާއެއްގެ ތެރެއިން ތިންބައި ކުޅަ އެއްބައި ވިލާއަކީ އަގު ދައްކައިގެން މިލްކު ކުރެވޭނެ އެވެ.

ސޮނޭވާ ޖާނީގެ ބީޗު ވިލާއެއް --

ސޮނޭވާ ޖާނީގެ ވިލާތައް ތަރައްގީ ކުރާ ނ. މެދުފަރުގެ ވަށައިގެން ހަތަރު ފަޅު ރަށް އޮވެ އެވެ. މި ރަށްތައް އޮންނަނީ ފަސް ކިލޯމީޓަރުގެ ވިލެއްގަ އެވެ. ސޮނޭވާ ޖާނީގެ ޕްރައިވެޓް ބީޗު ވިލާތައް ތަރައްގީ ކޮށްފައި ވަނީ އެ ރަށުގެ ހުޅަނގު ފަރާތުގަ އެވެ. އަދި މޫދު ކޮޓަރިތައް ހުންނަނީ މެދުފަރާއި 500 މީޓަރު ދުރުގަ އެވެ.

ސޮނޭވާ ރިސޯޓްސް އެންޑް ރެޒިޑެންސީޒްގެ ފައުންޑަރ ސޯނޫ ޝިވްދަސާނީ ބުނީ، ރާއްޖޭގައި މިހާރު ހުރި ސޮނޭވާގެ ހަމައެކަނި ރިސޯޓު ކަމުގައިވާ ސޮނޭވާ ފުށީގެ އިތުރަށް، ތިން އަހަރު ތެރޭގައި އިތުރު ތިން ރިސޯޓެއް ރާއްޖޭގައި ހުޅުވުން ކަމަށެވެ.

"ސޮނޭވާ ޖާނީއަކީ އޭގެ ތެރެއިން ފުރަތަމަ ރިސޯޓު. އެތަން 2016 ގެ ފަހުކޮޅު ނުވަތަ 2017 ގެ ކުރީކޮޅު ހުޅުވިގެން ދާނެ،" ސޯނޫ ބުންޏެވެ.

ސޮނޭވާއިން މިހާރު ދަނީ ރާއްޖޭ އޮޕަރޭޓުކުރާ ސޮނޭވާ ފުށީގެ އިތުރުން، ތައިލެންޑުގައި ސޮނޭވާ ކިރި ގެ ނަމުގައި ވެސް ރިސޯޓެއް އޮޕަރޭޓު ކުރަމުންނެވެ. މީގެ އިތުރުން ސޮނޭވާއިން ދަނީ ސޮނޭވާ އިން އަކުއާ ގެ ނަމުގައި ޚާއްސަ ސަފާރީ ޔޮޓެއް ވެސް އޮޕަރޭޓު ކުރަމުންނެވެ.