މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާލޭގައި ބަހައްޓާ މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ސަބަބުން 1160 ޕާކިން ޖާގަ އިތުރު ކުރެވިގެންދާނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެސްޓީއޯ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކާރު ޕާކް ކުރުމަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމާއި ސައިކަލަށް ހާއްސަ މެކޭނިކަލް 10 ޕާކިން ސިސްޓަމް ބެހެއްޓުމަށެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އޭގެ ތެރެއިން ސިސްޓަމެއްގައި 16 ކާރު ޕާކްކުރެވޭއިރު ޖުމުލަ 160 ކާރުގެ ޕާކިން ސިސްޓަމްތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. ހަމައެހެންމެ 10 ސިސްޓަމުގެ ތެރެއިން ކޮންމެ ސިސްޓަމެއްގައި 100 އެއްހާ ސައިކަލް ޕާކް ކުރެވޭއިރު 1000 އެއްހާ ސައިކަލަށް ޖާގަ ލިބިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެސިސްޓަމްތައް ކުރިއަށް އޮތް ހަތަރު މަސް ދުވެހުގެ ތެރޭގައި ބެހެއްޓި ހަ މަސް ތެރޭގައި އިސްޓޯލް ކުރެވިގެންދާނެ ކަމަށެވެ.

އެސިސްޓަމަކީ ކުޑަ ޖާގަތަކުގައި ބުރިބުރިއަށް ވެހިކަލް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ސިސްޓަމެކެވެ.