28 Mar 2016, 10:45
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު"، ހުށަހަޅާފައި އޮތް ގޮތަށް މަޖިލީހުން ފާސްކޮށްފި ނަމަ، ރާއްޖޭގައި އަނެއްކާ ވެސް "އަންޑަގްރައުންޑް މީޑިއާ"ތަކެއް އުފެދި، އޭގެ އުނދަގޫ ރައްޔިތުންނަށް ފޯރަން ފަށާނެ ކަމަށް ރާއްޖޭގެ ބައެއް އިސް ނޫސްވެރިން ބުނެފި އެވެ.
ރާއްޖޭގެ ބައެއް ނޫސްތަކާއި ބައެއް ޓީވީ ސްޓޭޝަނުތަކުގެ އިސް ނޫސްވެރިން އަމިއްލަ ހައިސިއްޔަތުން ސޮއިކޮށް، އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލު އެކުލަވާލެވިފައި ވަނީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ ގޮތަށް ކަމަށެވެ.
އެ ބަޔާންގައި ސޮއިކުރައްވާފައި ވަނީ ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި ސަން އޮންލައިންގެ އެޑިޓަރު އިން ޗީފު އަހްމަދު ޒާހިރު (ހިރިގާ) އާއި ދި ޓީވީގެ ސީއީއޯ މިދުހަތު އާދަމާއި ވީ މީޑިއާގެ އެޑިޓަރު އިމާދު ލަތީފާއި ރާޢްޖެ ޓީވީގެ ސީއޯއޯ ހުސަިއން ފިޔާޒު މޫސާ އާއި އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ) އާއި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ޗީފް އެޑިޓަރު ޒަހީނާ ރަޝީދާއި ސީއެންއެމްގެ ޗީފް އެޑިޓަރު އިސްމާއީލް ރަޝީދާއި ހަވީރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރުން ކަމަށްވާ، އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫން އެވެ.
އެ ބަޔާނުގައި ނޫސްވެރިން ބުނެފައި ވަނީ، ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ހިމާޔަތް ކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިރު، ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމަށް ހުރަސް އެޅި، އަސާސީ ހައްގުތަކުން މަހުރޫމުވުމުގެ ބިރު އޮތް ކަމަށެވެ.
އަދި ދައުލަތުގެ އެކި މަގާމުތަކުގައި ތިބޭ މީހުންނާ މެދު ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން ނޫސްވެރިންނާއި އާންމުން ވެސް ވާހަކަ ދެއްކުމަށް ހުރަސް އެޅޭ ކަމަށް އެ ބަޔާނުގައި ނޫސްވެރިން ބުނެފައިވެ އެވެ.
"ބިލު އޮތް ގޮތުން ދައުލަތުގެ އެކި މަގާމުތަކުގައި ތިބޭ މީހުންގެ އިންޓަގްރިޓީއާއި އެ މީހުންނާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކާ ބެހޭ ގޮތުން ނޫސްވެރިންގެ އިތުރުން އާންމު ފަރުދަކަށް ވެސް ވާހަކައެއް ނުދެއްކޭނެ އެވެ،" ބަޔާނުގައިވެ އެވެ.
އެ ގޮތުން، ދައުލަތުން މުސާރަ ދޭ، އަދި ގާނޫނުތަކުން ޒިންމާ ހަވާލުކޮށްފައިވާ މީހުން ޒިންމާ އަދާކުރަނީ ރަނގަޅާށްތޯ އާއި އެމީހުންގެ އިންޓަގްރިޓީއާ މެދު ސުވާލުކޮށް ބަހުސް ކުރުމަކީ ކޮންމެ ރައްޔިތަކަށް ލިބޭ ހައްގަކަށް ވާ އިރު، ބިލު އޮތް ގޮތަށް ފާށްވެއްޖެ ނަމަ، ހިތްހަމަނުޖެހޭ، ކިތަންމެ ކުޑަ ވާހަކައެއް ދެއްކި އަސް އަބުރާޢި ބެހުން ކަމަށް ބުނެ ފުލުހުން މެދުވެރިކޮށް ތަހުގީގުކޮށް، ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރާއްޖޭގެ އިސް ނޫސްވެރިން ބުނެފައިވެ އެވެ.
މީގެ އިތުރުން، އެ ނޫސްވެރިން ބުނީ ބިލު އޮތް ގޮތަށް ފާސް ވެއްޖެ ނަމަ، 2004 އާއި 2008 އާ ދެމެދު ދިވެހިން ތަޖުރިބާކުރި ފަދަ، ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ "އަންޑަގްރައުންޑް މީޑިއާ"ތަކެއް އުފެދި، އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވާނެ ކަމަށެވެ.
"ނޫސްވެރިކަމާޢި ރައްޔިތުންގެ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، އެ ނިޒާމު ރަނގަޅާށް މަސައްކަތް ކުރާ ގޮތް ނުވެއްޖެ ނަމަ، ދެން އުފެދޭ، ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިންގާ ވެބްސައިޓުތަކަށް ރައްޔިތުންގެ ގިނަ ބަޔަކު އެނބުރޭނެކަން 2004 އިން 2008 އާ ދެމެދު ދިވެހިން ވަނީ ތަޖުރިބާ ކޮށްފަ އެވެ،" ނޫސްވެރިން ބުންޏެވެ.
އަބުރާ ބެހުމުގެ ކުށް ޖިނާއީ ކުށަކުން މަދަނީ ކުށަކަށް ބަދަލުކޮށް، އެއީ ޖިނާޢީ ކުށެއް ކަމުގައި ތަހުޒީބީ މުޖުތަމައު ގަބޫލު ނުކުރާ އިރު، އަބުރާ ބެހުމުގެ ކުށް އަނބުރައި ޖިނާއީ ކުށަކަށް ބަދަލު ކުރުމަކީ ބައިނަލްއަގުވާމީ މުޖުތަމައު ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ނޫސްވެރިން ބުންޏެވެ. އަދި އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކުރުމަށް، މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ހެދެން އޮއްވާ، ނޫސްވެރިނަކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މުޅިން ގެއްލޭ ގޮތަށް ބިލެއް ހުށަހެޅުމަކީ ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.