28 Mar 2016, 09:49
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެއް ބަޔަކު ގަދައަޅާ މަސައްކަތް ކުރާ އިރު، އަނެއް ބަޔަކު އެފަދަ ވިސްނުން ގެންގުޅޭ ތަނެއްވެސް ނުފެނެ އެވެ. އެފަދަ ވިސްނުމެއް ނެތް މީހުން މުޅި ދުވަސް ހޭދަކޮށްލަނީ، ތައްޔާރީ ކާނާ ކެއުމުގައްޔާއި ސިއްހަތަށް ގެއްލުންދޭ އެހެނިހެން އާދަތަކުގަ އެވެ.
ތެދެކެވެ. އެފަދަ ދިރިއުޅުމަކީ ހަގީގަތުގައި ވެސް ފަސޭހަ ދިރިއުޅުމެކެވެ. އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ އެ ފަސޭހަ ދިރިއުޅުމުގެ ސަބަބުން ތިބާ ނުރައްކާތެރި ބަލިތަކަކަށް ހުށައެޅެ އެވެ. ދުވަހަކު ވެސް އަޑު އިވިފައި ނުވާ ތަފާތު ބަލިތަކުގެ ޝިކާރައަކަށް ތިބާ ވެދެ އެވެ.
އެހެންކަމުން އެފަދަ އާދަތައް ދޫކޮށްލަން ޖެހެ އެވެ. އެގޮތުން ކޮންމެހެން ވެސް ދުރުހެލިވާން ޖެހޭ ސިއްހަތަށް ގެއްލުންދޭ ބައެއް އާދަތަކަށް ބަލާލާނަމެވެ.
އަބަދު އިށީންދެގެން އިނުން
އަޅުގަނޑުމެންގެ ތެރޭގައި އެއްގޮތަކަށް ވެސް ހެލިފެލިވެ ނޫޅޭ، އަބަދު އިށީންދެގެން ތިބޭ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް އޮފީސްތަކުގެ މަތީ މަގާމުތަކުގައި ވަޒީފާ އަދާ ކުރާ މީހުން އެ ލިސްޓުގެ ކުރީގައި ފާހަގަކޮށްލެވެ އެވެ.
ގިނަ އިރު އިށީންދެގެން އިނުމަކީ ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ކަމެކެވެ. ހަމައެއާ އެކު، އެއީ ހައްކުރު ބައްޔާއި ތަފާތު ވައްތަރުގެ ކެންސަރު އަދި ޑިޕްރެޝަންްއަށް ދިއުމަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ.
ސޯޑާ ބުއިން
ދިރާސާ އަކުން ދައްކާ ގޮތުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ބުއިންތައް ނުވަތަ ސޯޑާ، އާދަކޮށް ބުއިމަކީ ކާޑިއޯވަސްކިއުލާ ބަލި ޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ހަމައެއާ އެކު، އެއީ ހަކުރު ބައްޔާއި ލިވާ މައްސަލަ އަދި ލެއާއި ކޮލެސްޓްރޯލް މަތިވުމަށް ވެސް މެދުވެރިވާ ކަމެކެވެ.
މާ ގިނައިން މީޓު ކެއުން
މީޓަކީ ވަރަށް ގިނަ ފަރާތްތަކަކަށް މީރު އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ދުވަހަކު ވެސް އާދަކޮށް ކެއްކުމުގައި މީޓް ބޭނުން ކުރެވެ އެވެ. ދިރާސާއަކުން ދައްކާ ގޮތުގައި މީޓް ފަދަ ޕްރޮޓީން ހައި ކާނާ އާދަކޮށް ބޭނުން ކުރާ ނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
ނިދި ނުލިބުން
ނިދި ނުލިބުން ނުވަތަ ނުނިދުމަކީ ވެސް ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށް މަގުފަހިވާ އަދި ފަލަ ބަލި ޖެހުމަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ. ހަމައެއާ އެކު، އެއީ ހިތުގެ ބަލި ޖެހުމާއި ސްޓްރޯކު ޖެހުމަށް ވެސް މަގުފަހި ކުރުވާ ކަމެކެވެ.
މައުލޫމާތު: 1މިލިއަން ހެލްތު ޓިޕްސް