އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ހޮލީވުޑްގެ އެކްޝަން ކޮމެޑީ ފިލްމު، "ބޭވޮޗް" އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާނެ ފުރަތަމަ ހޮލީވުޑް ފިލްމެވެ. އެ ފިލްމުގައި ޕްރިޔަންކާ އަދާކުރާ ރޯލަށް މިހާރު އޭނާ ދަނީ މާޝަލް އާޓްސްއެއް ކަމަށްވާ ކަޖުކެންބޯގެ ތަމްރީންތަކެއް ހަދަން ތައްޔާރުވަމުންނެވެ.

މީގެ ކުރިން ވެސް ޕްރިޔަންކާ ވަނީ ގިނަ ފިލްމުތަކެއްގައި އެކްޝަން މަންޒަރުތަކާއި ސްޓަންޓުތަކެއް ދައްކާލައިފަ އެވެ. އޭގެ ތެރޭގައި އޭނާގެ އެންމެ ފަހުގެ ފިލްމު، "ޖައި ގަންގާޖަލް" އާއި މިހާރު ދައްކަމުންދާ އެމެރިކާގެ ޓީވީ ޝޯ،" ކުއެންޓިކޯ" ހިމެނެ އެވެ.

"ޕްރިޔަންކާ އަބަދުވެސް ހުންނަނީ އާ ސްޓަންޓުތަކާ ޓެކްނިކްތައް ދަސްކުރަން ބޭނުންވެފައި. އަދި އޭނާ ހުރީ ބޭވޮޗްގައި އަދާކުރަން ޖެހޭ ރޯލާމެދު ވަރަށް ޝައުގުވެރިވެފައި. ކަންދިމާކުރި ގޮތުން އެމެރިކާގެ ހުރި އެންމެ މޮޅު އެއް ކަޖުކެންބޯ ޓްރެއިނަރު ވަނީ ޕްރިޔަންކާ އެކު މަސައްކަތްކުރުމަށް ހަމަޖައްސާފައި،" މީޑިއާއަށް މައުލޫމާތުދިން މަސްދަރަކުން ބުނެފައިވެ އެވެ.

އެ ތަމްރީންތައް ޕްރިޔަންކާ ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ކަމަށްވެ އެވެ.

އަންނަ އަހަރުގެ މޭމަހުގެ 19 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު، "ބޭވޮޗް"ގައި ޕްރިޔަންކާ ފެނިގެންދާނީ ނުބައި މީހެއްގެ ރޯލުންނެވެ. އެ ފިލްމުގައި ޕްރިޔަންކާއާ އެކު ޑުވޭން ޖޯންސަން އާއި ޒެކް އެފްރޯން ފެނިގެންދާނެ އެވެ.