ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު ބާޒާރުގައި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލި، އަތްނުފޯރާ ފަށަށް ދިޔުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ އެއްވުން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ފަށާނެ އެވެ.

އާންމުކޮށް ސިޔާސީ އެއްވުންތައް ބާއްވާ އާޓިފިޝަލް ބީޗް ސަރަހައްދުން މިރޭ 8:45 ގައި ޒުވާނުން އިސްވެ ތިބެ ފަށާ މުޒާހަރާ މާލޭގެ ބޮޑަތި މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ފަހު ވަކި ސަރަހައްދަކަށް ޖަމާވެ ތަކެތީގެ އަގު ސަރުކާރުން ތިރި ކުރަންދެން އެ ހިސާބުގައި ތިބުމަށް ދިވެހި ޒުވާނުން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެން މަގުތަކުގައި ހިނގާފައި ގޮސް ވަކި ސަރަހައްދެއްގައި މަޑުކޮށް ސުލްހަވެރިކަމާ އެކު އަޑުއުފުލާނީ. މިސްރުގައި މުޒާހަރާ ކުރިގޮތަށް އަޅުގަނޑުމެން އެތަނުގައި އަޑުއުފުލަން ތިބޭނަން. ކޮންމެވެސް އެއްގޮތެއް ވަންދެން. އަޅުގަނޑުމެން ކާބޯތަކެއްޗާއި އަދި ފަސްޓްއެއިޑް ވެސް މިރޭ އެބަ އުފުލަން. ރައްޔިތުން ކިބައިން ޒުވާނުން މި އެދެނީ ތިޔަ ބޭފުޅުން ވެސް ދިގު ދެމިގެންވާ މުޒާހަރާއަކަށޭ ނިކުންނަން ވާނީ،" މުޒާހަރާ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ ހަތަރު ޒުވާނުންގެ ޓީމަކުން ސަން އާ ވާހަކަދައްކަމުން ބުންޏެވެ.

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގެ ތެރޭގައި ވިދާޅުވެފައި ވަނީ ކަރަންޓް ޔުނިޓެއްގެ އަގު އެއް ރުފިޔާ އަށް ވުރެ މައްޗަށް ނުދާނެ ކަމަށާއި ދިރިއުޅުމުގެ އަގުތައް ވެސް އަތްފޯރާ ފަށުގައި ބަހައްޓާނެ ކަމަށެވެ. އެވައުދާ އެކު ވެރިކަމަށް ވަޑައިގަތް ފަހުން ތިން އަހަރާއި ގާތްވެފައި ވާއިރު ރައީސްގެ ވައުދު ނުފުއްދި ކަރަންޓުގެ އަގުވަނީ އެތައް ތަނަކުން ބޮޑުވެފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ރައްޔިތުން މަގުތައްމައްޗަށް ނުކުމެ މުޒާހަރާ ކުރަންދެން ކަރަންޓުގެ އަގު ތިރިވެފައެއް ނުވެ އެވެ.

މީގެ އިތުރުން، މިއަދު ކާބޯތަކެތީގެ އަގުތަށް 15 ޕަސެންޓާއި 20 ޕަސެންޓާއި ދެމެދަށް މައްޗަށް ދިޔުމުން އެކަމާ ހިތްހަމަނުޖެހިގެން މިރޭ ފަށާ އިހުތިޖާޖުގައި ސިޔާސީ ޕާޓީތަކުންނާއި ވިޔަފާރިވެރިންނާއި އޮޑިދޯނި ފަހަރުގެ މީހުން ބައިވެރިވާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.

"މީތި ސިޔާސީ އެއްނުވާނެ. އެކަމަކަށް ފުރުސަތެއް ވެސް ނުދޭނަން. މިރޭ ސިޔާސީ ވެރިންވެސް އަދި އެހެން ބޭފުޅުންވެސް އަދި އަޅުގަނޑުމެން ވެސް ވާނީ އާދައިގެ ރައްޔިތަކަށް. އެ ހައިސިއްޔަތު މި އޮތީ. އަޅުގަނޑުމެން މިރޭގެ ނަމޫނާއަކަށް ވާނީ ދާދިފަހުން މިސްރުގެ ވެރިކަން ވައްޓާލި ތަހުރީރު މައިދާނުގައި މިސްރުގެ ޒުވާނުން ހަރަކާތްތެރިވި ގޮތް،" ވަކި ސިޔާސީ ޕާޓީއަކަށް އަދި ޖަމްއިއްޔާ ޖަމާއަތަކަށް ނިސްބަތްނުވާ ޒުވާނުންގެ ޓީމުން ކިޔައިދިނެވެ.

މިސްރުގެ ސަރުކާރު ދާދިފަހުން ވައްޓާލި ތަހުރީރު ސުކޮޔާގެ ބޮޑު މުޒާހަރާގެ ޕެޓާން އަށް ދިވެހި ޒުވާނުން މިރޭ މަގުމައްޗަށް ނިކުންނަ އިރު ޒެޑް ޑީއާރުޕީންނާއި ތަސްމީން ފެކްޝަނުން އާއި ޕީއޭ އާއި އަދާލަތު ޕާޓީން އަދި ބައެއް ވިޔަފާރިވެރިން ބައިވެރިވާނެ ކަން އެ ފަރާތްތަކުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

"އަޅުގަނޑު މުޒާހަރާ ފަށާނީ ޒުވާނުން މިރޭ މި ނިކުންނަ ކަންތަކުގައި ﷲގެ ވާގިފުޅަށް އެދި ކުރާ ދުއާއަކުން. އެގަޑީގައި މަޖީދީ މަގުގެ ފިހާރަތައް ވެސް ބަންދުކުރާނެ ވިޔަފާރިވެރި ވެސް އަޅުގަނޑުމެން ކައިރީ ވިދާޅުވި،" މުޒާހަރާ ކުރިއަށް ދާނެ ގޮތް ކިޔައިދެމުން ޒުވާނުންގެ ޓީމުން ބުންޏެވެ.

އަދު ވީހާވެސް ގިނަ ރައްޔިތުން މިރޭ އެ އިހުތިޖާޖުގައި ބައިވެރިވުމަށް އެދިފައިވެ އެވެ.

"އަޅުގަނޑުމެންނާއި ބައިވެރިވާށޭ. ހަމަ ގައިމުވެސް މިފަހަރު މިއީ ޒުވާނުންނޭ. މިކަމުގައި އާންމު އެންމެން
އަޅުގަނޑުމެންނާ އެއްބާރުލުން ދެއްވާށޭ. ދިވެހި ދިދައެއް ހިފައިގެން ވަޑައިގެން އަޅުގަނޑުމެންނާ ބައިވެރިވާށޭ. ސަރުކާރުގެ ވައުދުތައް ފުއްދުމަށް ސަރުކާރަށް ދަންނަވާ ޒިންމާދާރު ކުރަމާ ހިނގާށެވެ،" ޒުވާނުންގެ ޝުއޫރުތައް ފާޅުކުރަމުން މިއަދު ބުންޏެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑޮލަރުގެ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ސަރުކާރުން ހަމަޖެއްސި ފަހުން މިދިޔަ ހަފްތާ ނިމުނު އިރު ބޯފެނާއި ކިރާއި ތެލާއި އަދި ކޮފީ ފަދަ ތަކެތީގެ އަގުތައް ވަނީ އޭރު ހުރި ވަރަށް ވުރެ 15 ޕަސެންޓާއި 20 ޕަސެންޓާއި ދެމެދަށް ބޮޑުވެފަ އެވެ.