ޕާކިސްތާނުގެ ލާހޫރުގެ އާންމުން އެއްވެ އުޅޭ ޕާކެއްގެ ތެރޭގައި އިއްޔެ ހަވީރުދިން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ޚާރިޖީ ވުޒާރާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ، ލާހޫރުގެ ޕާކެއްގައި ދިން ޓެރަސްރިސްޓް ހަމަލާގެ ފިނޑިއަމަލު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޕަންޖާބުގެ ވެރިރަށް ލާހޫރުގެ ގުލްޝަން އިޤްބާލް ޕާކްގެ ޕާކިން ސަރަހައްދުގައި މީހަކު ޖާނުން ފިދާވެގެން ދިން ނުރައްކާތެރި ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 69 އަށް އަރާފައިވާ އިރު އެ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 300 އަށްވުރެ އިތުރުކަމަށް ޕާކިސްތާނުގެ ކަމާގުޅޭ ދާއިރާތަކުން މައުލޫމާތުދެ އެވެ.

އާދީއްތަ ދުވަހު ހަވީރު ޕާކިސްތާނުގެ ލާހޫރުގައި ބޮމުގެ ހަމަލާ ދިން ސަރަހައްދުގައި ރެސްކިއުޓީމުތަކާއި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ. ޖާނުންފިދާވެގެން ދިން އެ ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 69އަށް އަރާފައި-- ފޮޓޯ: އޭޕީ

ހަފްތާ ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އާދީއްތަ ދުވަހު ހަވީރު ގުލްޝަން އިޤްބާލް ޕާކް ސަރަހައްދަށް އެއްވެފައި އޮތް ދަނޑިވަޅެއްގައި ދިން ނުރައްކާތެރި އެ ހަމަލާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދީންނާއި އަންހެނުން ހިމެނެ އެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ގައުމުތަކުން ވެސް ވަނީ ލާހޫރަށް ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށްފަ އެވެ. އެގޮތުން ބަޔަކު ހިންގި އެ ފިނޑި އަމަލުގެ ސަބަބުން މަރުވެފައި ވަނީ ކުށެއްނެތް އާންމު ރައްޔިތުންތަކެއް ކަމަށާއި އެ ހަމަލާގައި ގެއްލުން ލިބުނު އަދި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާކަމަށް އެމެރިކާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

ބޮމުގެ ހަމަލާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ -- ފޮޓޯ: ގެޓީ

ޕަންޖާބަކީ ޕާކިސްތާނުގެ އެންމެ ބޮޑު އަދި އެންމެ މުއްސަނދި ޕްރޮވިންސެވެ. ނަމަވެސް ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސިޔާސީ ހަރަކާތްތަކުގެ މައި މަރުކަޒުކަމަށްވާ ޕަންޖާބަކީ ޠާލިބާނުންގެ ނުފޫޒާއި ޖިނާއީ ބޮޑެތި ކުށްތައް ކުރާ ގޭންގުތަކާއި އެނޫންވެސް ވަކިވަކި ގުރޫޕްތަކުގެ ނުރައްކާ ޕާކިސްތާނުގައި އެންމެ ބޮޑަށް ފެތުރިފައިވާ އެއް ސަރަހައްދެވެ.