ބެޓްމޭންގެ ރޯލް އަދާކުރާ ބެން އެފްލެކްގެ ފިލްމު "ލިވް ބައި ނައިޓް" އާ އެކު ވޯނާ ބްރޯސް އިން 2017 ވަނަ އަހަރު ނެރެން ހަމަޖެހިފައިވާ ބައެއް ފިލްމުތައް ރިލީޒްކުރާ ދުވަސްތައް އިއުލާންކޮށްފި އެވެ.

އެގޮތުން އެމެރިކާގެ ލިޔުންތެރިއެއް ކަމަށްވާ ޑެނިސް ލިހޭންގެ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބެން އެފްލެކް ޑައިރެކްޓްކުރާ އަދި ފެނިގެންދާ ފިލްމު، "ލިވް ބައި ނައިޓް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ތާރީހުގައި އިތުރު އެއްވެސް ސްޓޫޑިއޯއަކުން އަދި ފިލްމެއް ރިލީޒްކުރާކަށް ހަމަޖެހިފައެއް ނެތެވެ. ނަމަވެސް އެތާރީހުގެ ހަފްތާއެއް ކުރިން ޔުނިވާސަލް ސްޓޫޑިއޯގެ ފިލްމު، "ސްނޯމޭން" ރިލީޒްކުރުމަށް ވަނީ ތާވަލްކޮށްފަ އެވެ.

މީގެ އިތުރުން ކްރިސްޓީނާ ހެންޑްރިކާއި އައިސް ކިއުބް ފެނިގެންދާނެ ފިލްމު، "ފަސްޓް ފައިޓް" އަންނަ އަހަރުގެ ފެބްރުއަރީ 17ގައި ރިލީޒްކުރަން ވޯނާ ބްރޯސް އިން ވަނީ ތާވަލްކޮށްފަ އެވެ. އެ ތާރީޚުގައި، ސޮނީގެ ފިލްމު، "ދަ ޑާކް ޓަވާ" އާއި ޔުނިވާސަލްގެ "ދަ ގްރޭޓް ވޯލް" އަދި ފޮކްސްގެ "މޭޒް ރަނާ، ދަ ޑެތު ކިއޯ" ރިލީޒްކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

ދެހާސްސާދަ ވަނަ އަހަރު ނެރުނު މަޝްހޫރު ބިރުވެރި ފިލްމު، "އަނެބެލް"ގެ ދެވަނަ ފިލްމު ވެސް ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު އެވެ. އަންނަ އަހަރުގެ މޭމަހުގެ 19 ވަނަ ދުވަހު އެ ފިލްމު ރިލީޒްކުރަން ތާވަލްކޮށްފައިވާ އިރު، ޕެރަމައުންޓުގެ އެކްޝަން ކޮމެޑީ ފިލްމު، "ބޭވޮޗް" ވެސް ރިލީޒްކުރާނީ އެ ތާރީހުގަ އެވެ.

އެ ސްޓޫޑިއޯ އިން ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ވެސް ފިލްމެއް ރިލީޒްކުރަން ތާވަލްކޮށްފަ އެވެ. ނަމަވެސް ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއްނުވެ އެވެ. އެ ތާރީހާ އެއް ދުވަހެއްގައި ސޮނީގެ "ދަ އަމޯޖީ މޫވީ" ވެސް ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ.

މައުލޫމާތު:ހޮލީވުޑް ރިޕޯޓަރު