28 Mar 2016, 09:21
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަން އެންމެ ފުރަތަމަވެސް މަޝްހޫރު ވެގެން ދިޔައީ "އެކްޝަން ހީރޯ" އެއްގެ ގޮތުގަ އެވެ. އެއީ އޭނާ އެންމެ ފުރަތަމަ ކުޅުނު ފިލްމު "ޕޫލް އައުރު ކާންޓޭ" ގައި ދެ ސައިކަލު މަތީގައި ކޮޅަށް ހުރެ އޭނާ ދެއްކި ސްޓަންޓަށް ފަހު އެވެ.
އޭގެ ފަހުން އަޖޭ ކުޅުނު ގިނަ ފިލްމުތަކުގައި ވެސް ފާހަގަކޮށްލެވޭ އެކްޝަން ސްޓަންޓުތައް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އަޖޭގެ ކުރިއަށް އޮތް ފިލްމު "ޝިވޭ"ގައި ވެސް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެން ދާނެ އެވެ.
ނަމަވެސް ފިލްމުގެ އެކްޝަން މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި އަޖޭ ވަނީ ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓަކާ ކުރިމަތިލާން ޖެހިފަ އެވެ. ބަލްގޭރިއާގައި ކުރިއަށް ދިޔަ ޝޫޓިންގްގެ ތެރެއިން އެކްސިޑެންޓު ހިނގާފައި ވަނީ، ސްޓަންޓުގައި ބޭނުން ކުރަމުން ދިޔަ ކާރުގައި އެހެން ކާރެއް ޖެހުމުންނެވެ.
އެކްސިޑެންޓު ހިނގި އިރު އަޖޭ އިނީ ފިލްމުގެ މަންޒަރެއް ނެގުމަށް، ކާރު މައްޗަށް އަރަ އެވެ. ޝޫޓިން ކުރިއަށް ދިޔައީ އެ ސަރަހައްދު ބަންދުކޮށްގެން ކަމަށްވާ އިރު، އެސަރަހައްދަށް ކާރެއް ވަދެގެން އައި ގޮތް މިހާރު އަންނަނީ ބަލަމުންނެވެ.
އެ އެކްސިޑެންޓުގައި އަޖޭއަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވީ، ދެ ކާރު ޖެހުމުގެ ކުރިން ކްރޫ މެމްބަރަކު އަޖޭގެ އަތުގައި ހިފައި ކާރު މަތިން ނެގުމުން ކަމަށްވެ އެވެ. އެހެން ނޫން ނަމަ އަޖޭގެ ފުރާނައަށް ނުރައްކާވީސް ކަމަށް ހަބަރުތައް ބުނެ އެވެ.
އެކްސިޑެންޓުގައި އަޖޭއަށް ގެއްލުމެއް ނުލިބި ސަލާމަތްވި ނަމަވެސް، ޝޫޓިންގްގައި ބޭނުންކުރި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
އަދި އެ އެކްސިޑެންޓުގެ ސަބަބުން ފިލްމުގެ ކްރޫއަށް ވަރަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.