ޕާކިސްތާނުގެ ލާހޫރުގެ ޕާކެއްގެ ތެރޭގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވުމާ ގުޅިގެން އެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫ މެދުވެރިކޮށް އެގައުމަށް ހިލޭ ގުޅޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އުރީދޫ އިން ބުނީ މާދަމާ ހެނދުނު އަށެއް ޖަހަންދެން އުރީދޫ ކަސްޓަމަރުންނަށް ޕާކިސްތާނަށް ހިލޭ ގުޅޭނެ ކަމަށެވެ.

އެއީ ޕާކިސްތާނުގައި ތިބި އާއިލާ އާއި އެކުވެރިންގެ ހާލު ބަލައި، އެފަރާތްތަކާ ގުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕާކިސްތާނުގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 65 ށް އަރާފައި ވާއިރު، ޒަހަމްވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކާއި ޒަޚަމްވި މީހުން، ޝެއިޚް ޒައިދު ހޮސްޕިޓަލަށާއި ޖިނާހް ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، އެސަރަހައްދުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ.