މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިޚް ނާސިރު ޒަކަރިއްޔާ އަވަހާރަވެއްޖެ އެވެ.

ނާސިރު އަވަހާރަވީ، ކެންސަރުގެ އާލާސްކަންފުޅަކަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އާދީއްތަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ.

ނާސިރު އަވަހާރަވި އިރު އުމުރުފުޅަކީ 58 އަހަރެވެ. އަދި ދުނިޔެ ދޫކުރެއްވި އިރު އަންބަކާއި ހަތަރު ކުދިން އެބަތިއްބެވެ.

އަވަހާރަވުމުގެ ކުރިން ނާސިރު ހުންނެވީ އައްޑޫ ޝަރަފުއްދީން ސްކޫލުގެ ލީޑިން ޓީޗަރެއްގެ މަގާމުގަ އެވެ. އޭގެ ކުރިން އީޕީއެސް ގައިވެސް ޓީޗަރެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އައްޑޫ ސްކޫލުތަކުގެ ރީޖަނަލް ކޯޑިނޭޓަރު އިބްރާހީމް ނަދީމު މިރޭ ސަން އަށް ވިދާޅުވީ، ނާސިރު އައްޑޫގައި މަސައްކަތް ކުރައްވާތާ މިހާރު 25 ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އަދި ނާސިރަކީ ވަރަށް ހިތްހެޔޮ، އެހާމެ މަސައްކަތަށް ފަރުވާތެރި، މޮޅު ޓީޗަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޑިނޭޓަރު ވިދާޅުވީ، ނާސިރު އަވަހާރަވުމަކީ އައްޑޫ ސިޓީގެ ސްކޫލުތަކަށާއި ހުރިހާ ދަރިވަރުންނަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.