28 Mar 2016, 00:29
މިއަހަރުގެ ތެރޭގައި ބަނގްލަދޭޝް އިން ރާއްޖެއަށް 100 ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރާއްޖޭގައި ހުންނަ ބަނގްލަދޭޝް ހައިކޮމިޝަނުން ބުނެފި އެވެ.
ބަނގްލަދޭޝްގެ 45 ވަނަ މިނިވަންދުވަސް އަދި ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބަނގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިއަރ އެޑްމިރަލް ކާޒީ ސަރްވާރް ހުސައިން ވިދާޅުވީ ފާއިތުވި އަހަރަކީ ބަނގްލަދޭޝްއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަ އަހަރެއް ކަމަށެވެ.
އެގޮތުން އެ އަހަރު އެ ގައުމުން 30 ޑޮކްްޓަރުން ރާއްޖެ ގެނެސްފައިވާ ކަަމަށާއި، މި އަހަރު އެ އަދަދު ބޮޑުތަން އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން، ސިއްހީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް ބަނގްލަދޭޝް އިން އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ދެއްކެވި ވާހަކައިގައި ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝް ރައްޔިތުންގެ ހާލަތު ރަނގަޅުވަމުން އަންނަކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
ހެލްތު މިނިސްޓްރީ އިން ބުނެފައިވާ ގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ފާރާތްތައް ތަމްރީނު ހޯދާފައިވަނީ ބަނގްލަދޭޝް އިންނެވެ. އަދި މިހާރުވެސް 300 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ބަނގްލަދޭޝް ގައި ޑޮކްޓަރުކަން ކިޔަވަމުން ގެންދާކަމަށާއި އެގައުމުން އިތުރު 111 އިންޓާންޝިޕް ރާއްޖެއަށް ދީފައިވާ ކަމަށްވެސް ހެލްތުން ބުނެ އެވެ.