27 Mar 2016, 21:54
އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ މައި ފިހާރަ، އުރީދޫ އެކްސްޕީރިއަންސް ސެންޓަރު މަޖީދީ މަހުގައި ހުންނަ ގ.އަސްދޫގެ އަށް ބަދަލުކުރުމަށްފަހު މިރޭ ހުޅުވައިފި އެވެ.
މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދިނީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރު އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
އުރީދޫ އިން ބުނީ މިރޭ ހުޅުވި ސެންޓަރު ފަރުމާކުރެވިފައިވަނީ، އުރީދޫއިން އެކި ދާއިރާތަކަށް ފޯރުކޮށްދޭ ތަފާތު އުފެއްދުންތަކާއި ޚިދުމަތްތައް، ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަކަށް ކަމަށެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިދިނުމަށްފަހު ދަގަނޑޭ ފޮޓޯއަކަށް ހުއްޓިގެން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހާ ވިދާޅުވީ، ޑިޖިޓަލް ގައުމަކަށް ދިވެހިރާއްޖެ ބަދަލުވަމުން އަންނަ އިރު އުރީދޫގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ހިދުމަތް ލިބުމުގެ ފަސޭހަ ފޯރުކޮށްދޭންޖެހޭކަން ގަބޫލުކުރާ ކަމަށާއި، އެހެންކަމުން މައި އުރީދޫ ޕޯޓަލް އާއި މައި އުރީދޫ އެޕް ފަދަ އުފެއްދުންތައް މެދުވެރިކޮށް، ކޮންމެތާކު ކޮންމެ ވަގުތަކު ހިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތް ކުރިޔަށް ގެންދާނީ، އޮފްލައިންކޮށާއި އޮންލައިންކޮށް، ކަސްޓަމަރުންނަށް ލިބިދޭ ތަޖުރިބާތައް އިތުރަށް ތަރައްގީކުރުމަށް." ސިންހާ ވިދާޅުވި އެވެ.
އުރީދޫގެ އާ އެކްސްޕީރިއެންސް ސެންޓަރުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތައް ކަމުގައިވާ އުރީދޫ ބިޒްނަސް، މޮބައިލް މަނީ، މޮބައިލް ނަމްބަރު ޕޯޓަބިލިޓީ ފަދަ ހިދުމަތްތައް، ލިބޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ. އަދި އެ ސެންޓަރަށް ޒިޔާރަތްކޮށް އުރީދޫގެ ކަސްޓަމަރ ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ އުރީދޫ ވެދުން އިން ލިބިގެންދާ ޕޮއިންޓްތައް ރިޑީމްކުރުމުން، އޭގެ ބަދަލުގައި ވަރަށް ހާއްސަ އިނާޔަތްތައް ހޯދޭނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރު -- ސަން ފޮޓޯ: ފަޔާޒު މޫސާ
އުރީދޫ އިން ބުނީ އަލަށް ހުޅުވުނު ސެންޓަރުގައި ކުދި ކުދި ކަންކަމުގައި، އެއްވެސް ކިއު އެއްގައި މަޑުކުރުމަކާއި ނުލާ ހިދުމަތް ފޯރުކޮށްދޭ ކުއިކް ކައުންޓަރުތަކެއް ބެހެއްޓިފައިވާ ކަމަށެވެ.
އަދި އަލަށް ތައާރަފްކުރެވިފައިވާ "އެކްސްޕީރިއަންސް ޒޯން" ގައި އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ޓެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.