27 Mar 2016, 21:32
މިދިޔަ މެއި މަހު އައިއެސް އިން ހިފި ސީރިއާގެ ގަދީމީ ސިޓީ ޕަލްމީރާ، އައިއެސްގެ އަތްދަށުން މިނިވަންކޮށްފައިވާ ކަމަށް ސީރިޔާއިން ބުނެފި އެވެ.
ސީރިޔާގެ ސްޓޭޓް މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި، ޕަލްމީރާ ސިޓީ އައިއެސްގެ ބާރުގެ ދަށުން ނަގައި، އެ ސިޓީގައި ތިބި އައިއެސް ހަނގުރާމަވެރިން ފައްސާލީ ސީރިޔާ އަސްކަރިއްޔާގެ ސިފައިންނާ، ރަޝިޔާ ހަނގުރާމަވެރިން ގުޅިގެން ދިން ހަމަލާތަކުންނެވެ.
ޕަލްމީރާގެ ފުރިހަމަ ކޮންޓްރޯލް ސީރިޔާ އަސްކަރިއްޔާއިން ހޯދާފައިވާ އިރު، އެ ސިޓީގައި ހުރި ގަދީމީ ހުރިހާ ތަންތަނެއްވެސް ސިފައިން އަންނަނީ ބަލަހައްޓަމުންނެވެ.
މެއި މަހު އައިއެސް އިން އެ ސިޓީ ހިފުމަށްފަހު، އެތަނުގައި ހުރި ގިނަ އަދަދެއްގެ ގަދީމީ ތަންތަން ވަނީ ގޮއްވައި ސުންނާފަތިކޮށްލާފަ އެވެ. އޭގެތެރޭގައި ސީރިޔާގައި ހުރި 500 އަހަރުވީ މަހާނައެއް ހިމެނެ އެވެ. ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނާ ގޮތުން އެއީ، ކީރިތި ރަސޫލާގެ ދެބެންގެ ދެދަރި ބޭކަލަކު ފަސްދާނުލާފައިވާ ތަނެކެވެ.
ހަމައެއާއެކު، 2000 އަހަރުވީ ފައްޅި ގޮއްވާލުމުގެ އިތުރުން އެ ތަންތަން ބަލަހައްޓާ މީހާވެސް އައިއެސް އިން ވަނީ މަރާލާފަ އެވެ.
މިހާރުވެސް އައިއެސް އިން ހަރުކޮށްފައިވާ ބޮންތައް ބައެއް ތަންތަނުގައި ހުރި ކަމަށާއި، އެ ބޮންތައް ނުގޮވާގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.