މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރިސޯޓްތަކަށް ހާއްސަކޮށްގެން ފެނާއި ނަރުދަމާ އާއި ކަރަންޓުގެ އިންޖިނިއަރިން ޕެކޭކްތަކެއް މިރޭ ތައާރަފްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި "އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް" ނަމުގައި އެ ޕެކޭޖްތައް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެމްޑަބްލިޔުއެސްސީ ޔުޓިލޮޓީ ސޮލިއުޝަންސް ތެރޭގައި ތިން ބާވަތެއްގެ ޕެކޭޖެއް ހިމެނެ އެވެ.

ފުރަތަމަ ޕެކޭޖަކީ ބޭސިކް ޕެކޭޖްގެ ނަމުގެ ދަށުން ވަކިވަކިން ދެވޭ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ އިންޖިނިއަރިން ސޮލިއުޝަންސް އެވެ.

ދެވަނަ ޕެކޭޖަކީ އެލީޓް ޕެކޭޖެވެ. އޭގެ ދަށުން ރިސޯޓުގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ އިތުރުން ކުނި ނައްތާލުމުގެ މުޅި ސިސްޓަމް ގާއިމްކުރާނެކަމަށް އެމްޑަބްލިޔުއެސްސީ އިން މައުލޫމާތުދެ އެވެ.

ތިންވަނަ ޕެކޭޖަކީ ބޯނަސް ޕެކޭޖެވެ. އެއީ ރިސޯޓްތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަކަށް އެެފަރާތުން ފޯރުކޮށްދިނުމަށްޓަކައި ފޯރުކޮށްދޭ ހިދުމަތެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ. އޭގެތެރޭގައި އޮޕަރޭޝަން އަދި މެއިންޓަނެންސް ތަމްރީނު ޕެކޭޖަކާއި ފެން ތަހުލީލް ކުރުމުގެ ޕެކޭޖް ހިމެނެ އެވެ.

އެމްޑަބްލިޔުއެސްސީ ޔުޓިލިޓީ ސޮލިއުޝަންސް އަކީ އޭގެ ސަބަބުން ތަރައްގީ ކުރަމުން އަންނަ ރިސޯޓްތަކަށް މަންފާ ކުރާނެ ކަމެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.