27 Mar 2016, 19:57
ށ. ފޯކައިދޫން ބޯފެން ހުސްވުމާ ގުޅިގެން ފޯކައިދޫގެ ރައްޔިތުންނަށް މިއަދު ފެން ފޯރުކޮށްދީފި އެވެ.
ފޯކައިދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އާސިފް މިއަދު ސަން އަށް ވިދާޅުވީ، އެރަށުގެ ގިނަ ގެތަކުން ފެން ހުސްވެގެން ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުގައި އެދުމުން މިހާރު ފެން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ޑިޒާސްޓަރ އިން ފޯރުކޮށްދިން 40 ޓަނުގެ ފެނުން، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ރަށުގެ އާންމު ތާނގީތަކަށް ފެން އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެރަށަށް ފެން ގެންގޮސްފައި ވަނީ ރ. އުނގޫފާރުންނެވެ.
ކައުންސިލުން ބުނީ މިހާރު ފެނުގެ ދަތިކަމަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗް މަހުން ފެށިގެން މޭ މަހާ ދެމެދު ރާއްޖެއަށް ވާރޭވެހުން މަދުވެ، އަތޮޅުތެރޭގެ ރަށްތަކުން ބޯފެން ހުސްވުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ފެބުރުއަރީ މަހުން ފެށިގެން، މާރިޗު މަހުގެ މެދެއްހާތަނާ ހަމައަށް އައި އިރު 22 ރަށަކަށް ވަނީ ފެން ފޯރުކޮށްދީފަ އެވެ.
ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރުން ރަށް ތަކަށް ފެން ފޯރުކޮށްދެނީ ފެން ޕްލާންޓް ހުރި ރަށްތަކުގެ ތެރެއިން ކަނޑައެޅޭ ރަށްތަކެއް މެދުވެރިކޮށެވެ.