ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ހަ ޕެރަމެޑިކް އެމްބިއުލާންސް އާއި އަތޮޅު ތެރެއަށް ކޮންމެހެން ބޭނުންތެރި ބައެއް މެޑިކަލް އިކުއިޕްމަންޓު މިއަދު ހަދިޔާކޮށްފި އެވެ.

އެކަމަށްޓަަކައި މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯގެ ފަރާތުން އެތަކެތި ރަމްޒީކޮށް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެތަކެއްޗާ ހަވާލުވެއްލެއްވީ މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މިއަދު ހަވާލު ކުރެވުނު ހަ އެމްބިއުލާންސް ހަވާލުކޮށްފައި ވަނީ އާބާދީ ބޮޑު، ބިން ބޮޑު އަދި ސިއްހީ ހިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާ ރަށްތަކަށް ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.

އެމްބިއުލާންސްތައް ހޮސްޕިޓަލްތަކާ ހަވާލުކުރުން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިއަދު ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި އެމްބިއުލާންސްތައް ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ށ. މިލަންދޫ ހެލްތު ސެންޓަރާ، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ގދ. ފަރެސްމާތޮޑާ ހެލްތު ސެންޓަރު އަދި އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލްތަކަށް މިއަދު ވަނީ އެ އެމްބިއުލާންސްތައް ރަމްޒީގޮތުން ހަވާލުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީއާ ހަވާލުކުރި މެޑިކަލް އިކުއިޕްމަންޓުތަކުގެ ތެރޭގައި އެމަޖެންސީ ހެލްތު ކިޓް، ވެކްސިން އުފުލާ ސާމާނު، ވެކްސިން ރައްކާ ކުރާ ސާމާނު، އަންހެނުން ކެންސަރަށް ސްކްރީން ކުރުމަށް ބޭނުންކުރާ ކޮލްޕޯސްކޯޕް އަދި ޖެނެސިސް ބްލަޑް ކަލެކްޝަން މޮނިޓަރު ވެސް ހިމެނެ އެވެ. އެތަކެތި އެކި ހޮސްޕިޓަލުތަކާ ހެލްތު ސެންޓަރުތަކަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

ދިވެހި ސަރުކާރާ ހަވާލުކުރި ބައެއް މެޑިކަލް އިކުއިޕްމަންޓުތައް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހެލްތު މިނިސްޓަރު ވިދާޅުވީ މިއަދު އެކި ހޮސްޕިޓަލުތަކާ ހަވާލު ކުރެވުނު ތަކެއްޗަކީ ސަރުކާރުގެ ފަރާތުން އެކަމަށް އެދުމުން ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދިން ތަކެތި ކަމަށެވެ.

"މި ތަކެއްޗަކީ ޑަބްލިއުއެޗްއޯގެ މި ރީޖަންގެ މިނިސްޓީރިއަލް މީޓިންގައި އަޅުގަނޑުމެން ބައިވެރިވާން ދިޔަ ދިއުމުގައި ރީޖަނަލް ޑައިރެކްޓަރުގެ އަރިހަށް އެމްބިއުލާންސް ހޯދުމަށް އަޅުގަނޑުމެން ދަންނަވާލި ދަންނަވާލުމަކަށް އެބޭފުޅާ ރެސްޕޮންޑު ކުރެއްވީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ފޯރުކޮށްދިން އެހީ އަކީ އެ ޖަމިއްޔާގެ ބަޖެޓަށް ވުރެ އިތުރަށް، އެޑިޝަނަލް ބަޖެޓުގެ ތެރޭގައި ހިމެނޭ ޑަބްލިއުއެޗްއޯގެ ސަރަހައްދީ ބަޖެޓުގެ ތެރެއިން ފޯރުކޮށްދީފައިވާ އެހީއެއް ކަމަށެވެ.

އިރުތިޝާމް އިތުރަށް ވިދާޅުވީ، މިހާރު 237 އެމްބިއުލާންސް ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި މިހާރު އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްނުދެވެނީ 28 ރަށަށް ކަމަށާއި، އެރަށްތަކަށްވެސް މި އަހަރުގެ ތެރޭގައި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރާ ހަވާލުކުރި ޕެރަމެޑިކް އެމްބިއުލާންސްތައް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހެލްތު މިނިސްޓްރީން ބުނިގޮތުގައި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްނުދެވެނީ އާބާދީ ކުދި ރަށްތަކަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަރުވިންދު ވިދާޅުވީ މިއަދު ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަކީ ހަމައެކަނި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވެވުނު އެހީތެރިކަމެއްގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރަންޖެހޭ ހަރަދުވެސް ކުޑަކޮށްދޭނެ އެހީއެއް ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ޓީބީ ބަލީގެ ޓެސްޓުތައް ހެދުމާއި ބަލިމީހާއާ އެންމެ އެކަށީގެންވާ ފަރުވާ ވީއެންމެ އަވަހަކަށް ފެށުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދޭ، ޓީބީ އެކްސްޕާޓް މެޝިނެއްވެސް މިއަދު ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.