27 Mar 2016, 17:18
އިންޑިއާގެ މަގްބޫލު ބައެއް ތަރިން ބައިނަލްއަގްވާމީ ޕްރޮޖެކްޓުތަކުގައި ފިޔަޖަހަންފަށާވާއިރު، ހޮލީވުޑާ މެދު ޝައުގުވެރިކަމެއް ނެތް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާން ބުނެފި އެވެ.
"ހޮލީވުޑާމެދު އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. މިއަދު، މުޅި ދުނިޔޭގެ އެންމެންވެސް ހިންދީ ފިލްމު ބަލާ. އަދި ހިންދީ ފިލްމުތައް އަންނަނީ ހުރިހާ ބަހަކުން ޑަބްކުރަމުން. އެހެންވީމަ، ހުޅަނގަށް އެހެން އެކްޓްރެސް ނޭންގިގެންނެއް ނޫޅޭ،" ހޮލީވުޑަށް ދިއުމަށް ޝައުގުވެރިކަން ހުރިތޯ އެހުމުން ކަރީނާ ބުނެފައިވެ އެވެ.
ކަރީނާ މިހާރު އަވަދިނެތި އުޅެނީ އޭނާގެ އެންމެ ފަހުގެ ފިލްމު، "ކީ އެންޑް ކާ" ޕްރޮމޯޓް ކުރުމުގައެވެ. އެ ފިލްމަކީ އިންޑިއާގެ މުޖުތަމައުގައި އޮންނަ ޖިންސީ ތަފާތުކުރުންތަކުގެ މައްޗަށް ހަދާފައިވާ ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ.
ކަރީނާ ބުނީ، އެ ފިލްމު ކުޅުމަށް އޭނާއަށް ހުއްދަދީ އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ، އޭނާގެ ފިރިމީހާ، އެކްޓަރު ސައިފް އަލީ ޚާންގެ ފަރާތުން ކަމަށެވެ.
"ހަޔާތުގެ ބައިވެރިއެއްގެ އެއްބާރުލުމަކީ ވަރަށް މުހިއްމު އެއްޗެއް. އަހަރެންގެ ޕާޓްނަރު ހިތްވަރު ނުދިންނަމަ، {ކީ އެންޑް ކާ} ފަދަ ފިލްމެއް އަހަންނަކަށް ނުކުޅެވޭނެ،" ކަރީނާ ބުނެފައިވެ އެވެ.
އާރު. ބަލްކީ ޑައިރެކްޓްކުރާ އެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.