27 Mar 2016, 16:07
ބޮލީވިއާ އާއި ޗިލީއާ ދެމެދު ޖެހުނު ފެނުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާނެ ކަމަށް ބޮލީވިއާގެ ރައީސް، އޭވޯ މޮރާލޭ ވިދާޅުވެއްޖެ އެވެ.
ޮބޮލީވިއާ އިން ބުނާ ގޮތުގައި ޗިލީއާ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ސިލާލާ ކޯރަކީ އެގައުމުގެ ކޯރެކެވެ. އަދި ޗިލީއިން ކޯރުގެ ފެން ބޭނުން ކުރި ނަމަވެސް އޭގެ ނުދައްކާ ކަމަށެވެ.
ނަމަވެސް، ޗިލީ އިން ބުނާ ގޮތުގައި ދެގައުމުން ބޭނުން ކުރެވޭ ގޮތަށް އޮންނަ ބައިނަލްއަގުވާމީ ފެންގަނޑެކެވެ.
"ސިލާލާގައިވާ އަޅުގަނޑުމެންގެ ފެނަށް ޗިލީއިން އިހުތިރާމު ކުރުވުމަށް ޓަކައި އަޅުގަނޑުމެން ވަނީ މައްސަލަ އަށް ޔޫއެން އަށް ގެންދަން ނިންމާފައި،" ރައީސް މޮރާލޭ ވިދާޅުވި އެވެ.
ބޮލީވިއާ އިން ވަނީ ޗިލީއާ ދެކޮޅަށް އެހެން މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެގައުމުން ވަނީ ޕެސިފިކް ކަނޑު ބޭނުން ކުރުމަށް ހުއްދަ ދިނުމަށް އައިސީޖޭގެ ފަރާތުން އެދިފަ އެވެ.
އެމައްސަލައާ ގުޅިގެން ޗިލީ އިން ވަނީ ބޮލީވިއާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ.
"މީގެއިން އެބަ އެނގޭ އެއީ ހަމައެކަނީ ކަނޑާ ބެހޭ މައްސަލައެއް ނޫންކަން. އެއީ ކޯރާއި އެހެނިހެން ބަހަނާތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ގައުމަށް ދަތިކުރަން ކުރާ ކަމެއް،" ޗިލީގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.
މައިން އޮޕަރޭޝަންތައް ހިންގުމަށާއި ޗިލީގެ އުތުރުގެ ބައެއް އަވަށްތަކަށް ފެން ފޯރުކޮށް ދިނުމަށް ޗިލީ އިން ސިލާލާ ކޯރު ބޭނުން ކުރެ އެވެ. (ބީބީސީ)