އާއިލީ މައްސަލައެއްގައި ކޯޓަށް ހާޒިރުކޮށްފައިވަނިކޮށް ކުޑަދޮރެއް ހަލާކުކޮށްލައިގެން ފިލި ކުށްވެރިއަކު ވައްކަމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކޯޓުގެ ދޮރެއް ފަޅާލައިފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްފައިވަނިކޮށް ފިލި، މއ. އާފަލުގޭ މުހައްމަދު މުޖްތަބާ،25، އެ އަމަލް ހިންގީ މިދިޔަ އޮގަސްޓް މަހު މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގުމުގެ ތުހުމުގައި ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ކަމަށެވެ.

މުޖްތަބާއަކީ ޖިނާއީ ތަފާތު އެކިއެކި މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގައި 60 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލުގައި ހުކުމެއް ތަންފީޒުކުރަން ޖެހިފައިވާ މީހެއް ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އޭގެތެރޭގައި މާރާމާރީ އާއި ވައްކަމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމްތައް ހިމެނޭ ކަމަށް ވެސް އެ ކޯޓުން ބުނެ އެވެ.

ދައުލަތުގެ ވަކީލުން ތިއްބަވާ ކޮޓަރީގެ ދޮރު މުޖްތަބާ ފަޅާލީ ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ކޯޓު ތެރޭގައި އަޑުގަދަކޮށް ހަޅޭއްލަވައި ހަޑިހުތުރު އެއްޗިތިގޮވަމުން ގޮސް ފުލުހުންނަށް ވެސް އޭނާ ކޮންޓުރޯލު ނުކުރެވިގެން ގޮސް ކަމަށް ކޯޓުން ބުންޏެވެ.

މީގެއިތުރުން ވެސް މުޖުތަބާގެ މައްޗަށް ފާއިތުވެދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި ތަފާތު މައްސަލަތަކުގައި 10 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.