މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން އާއްމުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނަންތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އިސްކަންދެއްވާ ތަރުތީބަކުން ހަ ބޭފުޅެއްގެ ނަން މަޖިލީހަށް މިއަދު ފޮނުއްވާނެ ކަމަށެވެ.

ކޮމިޝަނަން ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހ. ރީތިގަސްދޮށުގެ، މުހައްމަދު ޝަހީބާއި އެ ކޮމިޝަނުގެ މެމްބަރެއްގެ މަގާމުގައި މިހާރުވެސް ހުންނެވި މ. ނޫވިލު، އަބްދުﷲ ޝުޖާއު ހިމެނެ އެވެ.

އޭގެއިތުރުން އެ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ޅ. ހިންނަވަރު ފަހަލަ، އިސްމާއިލް ސޮފްވާނާއި ވ. ވެރޯނިކާ، ހަސަން ނަބާހާއި، ކ. ދިއްފުށި، ހުވަނދުމާގެ، ފާތިމަތު ޒައިނާއާ ގދ. ގައްދޫ އަތިރީގެ، ޒީނާ ޒާހިރާއި ގ. ގޮފި، ސަރާހަތު އިއްޒަތާއި ގދ. ތިނަދޫ އޯޝަންރީޑު ނަސްރުﷲ އަބްދުލް ހާދީ ހިމެނެ އެވެ. އަދި ދަފްތަރު ނަންބަރު 8469، އަލީ ރަޝީދާއި މ. ނޫވިލު އަބްދުﷲ ޝުޖާއުއާ ހއ. ހޯރަފުށި ރަބީއުމަންޒިލް، ސައުދާ ސަލީމާއި ހއ. ހޯރަފުށި ދަނބުރުއްދޮށުގެ، އަލީ މިދުހަތާއި ދަފްތަރު ނަންބަރު 8444، މަރިޔަމް އިބްރާހިމާއި ވ. މަށިވެލި، އިބްރާހިމް އަޝްރަފާއި މއ. ވިލާރޮދި، އިސްމާއިލް ސާޖިދާއި ގދ. ގައްދޫ އަތިރީގެ، އަބްދުﷲ އަޒުމީނު ވެސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާފަ އެވެ. ހަމައެއާއެކު ނ. މިލަދޫ ސޯސަންވިލާ، އަބްދުﷲ މުއާޒު އިބްރާހިމާއި ދަފްތަރު ނަންބަރު 5312، އަލީ ސަމްއާނާއި ހ. ވަޅުފެހި، ހައްވާ ޝިއުނާ ހާލިދާއި ސ. މަރަދޫފޭދޫ ގުލޭނޫރުމާގެ، ފަތުހުﷲ އަނީސާއި މއ. އަޅިފެހި، އާލިމާ އާދަމްގެ އިތުރުން މ. ހާވިލާ، މޫސާ ރިޝްވާނާއި ގ. މޫންލައިޓު ފާތިމަތު ނިޒާމާއި ގ. ހިލްމަން، މަރިޔަމް ވަހީދާވެސް ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ކޮމިޝަނުގައި މިހާރު ހިމެނޭ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވާނެ އެވެ.

ބްރޯޑްކާސްޓު ކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ކޮމިޝަނަށް އައްޔަން ކުރެވޭ މެމްބަރަކު އެ މަގާމުގައި ދެމި ހުންނާނީ އެ މެމްބަރަކު އައްޔަން ކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.