މިޔަންމާގެ ނޭޝަނަލް ޑިމޮކްރަޓިކް ލީގުގެ ރައީސް އަދި ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި އާންގް ސަން ސޫކީއާ 2013 ވަނަ އަހަރު ބީބީސީ އިން ކުރި އިންޓަވިއުއެއްގައި ސުވާލު ކުރީ މުސްލިމު ޕްރެޒެންޓަރެއް ކަމަށް ވުމުން އެކަމާ ސޫކީ ކޯފާވި ވާހަކައެއް ފެންމަތިވެއްޖެ އެވެ.

މި ވާހަކަތައް ފެންމަތިވީ، ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޕީޓާ ޕޯފަމް، ސޫކީއާ ބެހޭ ގޮތުން ލިޔުނު ބަޔޮގްރަފީ "ދަ ލޭޑީ އެންޑް ދަ ޖެނެރަލްސް: އާންގް ސަން ސޫކީ އެންޑް ބަމާސް ސްޓްރަގްލް ފޯރ ފްރީޑަމް" އިންނެވެ.

އެ ފޮތުގައި ލިޔެފައިވާ ގޮތުން، ބީބީސީގެ ޓުޑޭ ޕްރޮގްރާމުގައި 2013 ވަނަ އަހަރު މިޔަންމާގެ ޑިމޮކްރަސީ ލީޑަރު ސޫކީއާ އިންޓަވިއު ކުރި އިރު، އެ އިންޓަވިއު ކުރިޔަށް ގެންދިޔައީ ބީބީސީ ޓުޑޭގެ ފުރަތަމަ މުސްލިމު ޕްރެސެންޓަރު މިޝަލް ހުސައިން އެވެ. އެ އިންޓަވިއުގައި، މިޝަލް ވަނީ، މިޔަންމާގައި ރޮހިންގޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ސޫކީ ކުށްވެރި ނުކުރައްވާ ސަބަބާ މެދު ސުވާލު ކޮށްފަ އެވެ.

ރޮހިންގޔާ މުސްލިމުންނަށް މިޔަންމާގެ ރައްޔިތެއްގެ ދަރަޖަ ވެސް ދިނުމަށް މިޔަންމާ އިން ދެކޮޅު ހަދަ އެވެ. އަދި ރޮހިންގޔާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ލާއިންސާނީ ޖަރީމާތަކަކާއި ގަތުލުއާންމު ވެސް ދަނީ ހިންގެމުންނެވެ.

މިކަންކަމާ މެދު ބީބީސީގެ މިޝަލް ހުސައިން ސުވާލު ކުރުމުން، ސޫކީ ވިދާޅުވެފައި ވަނީ، އެކި ސަބަބުތަކާ ހެދި ގިނަ އަދަދެއްގެ ބުދިސްޓުން ވެސް މިޔަންމާއިން ބޭރަށް ހިޖުރަ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ދިމާވީ، މީގެ ކުރިން އެގައުމުގައި އޮތް ހުދުމުހުތާރު ވެރިކަމުގެ ސަބަބުން ކަމަށެވެ.

އިންޓަވިއު އަށް ފަހު، ސޫކީ ވަނީ ކޯފާވެ، އޭނާއާ އިންޓަވިއު ކުރާނީ މުސްލިމެއްކަން ކުރިން އޭނާ އަށް އަންގާފައި ނުވާ ކަމަށް ބުނެފަ އެވެ.

ސޫކީއަކީ މިޔަންމާގައި މިހާރު ވެރިކަން ކުރާ ޕާޓީގެ ރައީސާ އެވެ. މިޔަންމާގެ ގާނޫނު ހުރި ގޮތުން ސޫކީ އަށް ވެރިކަމަށް ވަޑައިނުގަނެވުނަސް، ވެރިކަމުގައި މިހާރު ހުންނެވީ ސޫކީގެ ޕްރޮކްސީގެ ދަށުން ވެރިކަން ކުރާނެ ބޭފުޅެކެވެ.