27 Mar 2016, 13:36
ޓީބީ ބަލީގެ ޓެސްޓުތައް ހެދުމާއި ބަލިމީހާއާ އެންމެ އެކަށީގެންވާ ފަރުވާ ވީއެންމެ އަވަހަކަށް ފެށުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދޭ، ޓީބީ އެކްސްޕާޓް މެޝިނެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.
ދުނިޔޭގެ ޓީބީ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް މިއަދު ހެނދުނު އާޓްސް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯގެ ފަރާތުން އެ މެޝިން ރަމްޒީކޮށް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ އެ ޖަމާތުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންދޫބު ޑރ. އަރުވިންދު މާތޫރެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން އެ މެޝެނާ ހަވާލުވެއްލެއްވީ މިނިސްޓަރު އިރުތިޝާމެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލަކު ވިދާޅުވީ، އެ މެޝިނަކީ ރާއްޖެ އަށް ލިބުނު ފުރަތަމަ އެފަދަ މެޝިނު ކަމަށެވެ. މެޝިނުގެ ހިދުމަތް ލިބޭނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށާއި ނަމަވެސް މެޝިނުގެ ހިދުމަތްދޭން ފެށޭނެ ދުވަހެއް ދަންނަވަން ނޭންގޭ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަރުވިންދު މާތޫރު ވިދާޅުވީ، ސައުތު އޭޝިއާ ސަރަހައްދަކީ އަދިވެސް ސިއްހީ ގޮންޖެހުންތައް ގިނަ ސަރަހައްދެއް ކަމަށެވެ. އަދި ރާއްޖެ އިން ސިއްހީ ދާއިރާއިންނާއި ޓީބީއާ ގުޅުން ހުރި ދާއިރާ އިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މަތޫރު ވިދާޅުވީ، ޓީބީއާ ދެކޮޅަށް ކަނޑައަޅާފައިވާ ސަރަހައްދީ ސުޓެރެޓަޖީތަކާއި ރާއްޖެ އިން ހޯދާފައިވާ ކުރިއެރުންތަކާ އަޅާބަލާ އިރު، ޓީބީ ނައްތާލުމަށް ދުނިޔެ އިން ކަނޑައަޅާފައިވާ އަމާޒުގެ ކުރިން ރާއްޖެ އިން އެ އަމާޒު ހާސިލްކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ދެހާސް ތިރީސް ވަނަ އަހަރުގެ ކުރިން ދުނިޔެ އިން ޓީބީ ނައްތާލުމަކީ އދ. އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީސް)ގެ އަމާޒެކެވެ. އަދި އެއީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވެސް ލަނޑުދަނޑިއެކެވެ.
މަތޫރު ވިދާޅުވި ގޮތުގައި، ރާއްޖެއިން އެ އަމާޒު 2020 ވަނަ އަހަރުގެކުރިން ހާސިލްކުރެވޭނެ ކަމަށެވެ.