ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދަރިކަލުން ދަހަމް ސިރިސޭނާ އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ވިސާއަށް ހުށަހަޅާފައިވާ ހުށަހެޅުން ޕްރޮސެސް ކުރުން ލަސް ވާތީ، އިނގިރޭސި ހައިކޮމިޝަނުގެ އޮފިޝަލެއް ލަންކާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ސުވާލު ކޮށްފި އެވެ.

ސްރީލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރު ލޯރާ ޑޭވީސް ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، އޭނާއާ ސުވާލު ކުރެއްވި ލަންކާގެ ފޮރިން މިނިސްޓަރުގެ ސެކްރެޓަރީ އެވެ. އޭނާ ވަނީ، ރައީސް ސިރިސޭނާގެ ދަރިކަލުންގެ ވިސާ އެޕްލިކޭޝަން ޕްރޮސެސްވުން ލަސްވާ ސަބަބާއި މެދު ސުވާލު ކޮށްފަ އެވެ.

ޖަވާބުގައި، ޑެޕިއުޓީ ހައިކޮމިޝަނާ ލޯރާ ޑޭވީސް ވިދާޅުވީ، ދަހަމް ސިރިސޭނާއާއި އޭނާގެ ތިން ރަހުމަތްތެރިން ވިސާއަށް އެދި ހުށަހެޅުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. ލޯރާ ވިދާޅުވީ، ރައީސްގެ ދަރިކަލުން އެންމެ ފުރަތަމަ ހުށަހެޅީ ވިސާ އެޕްލިކޭނާއި އެކު ރިކުއެސްޓް ނޯޓެއް ކަމަށާއި، ބޭނުންވާ އިތުރު ލިޔެކިޔުންތައް ފޮނުއްވީ އެކަމަށް ހައިކޮމިޝަނުން އެދުމުން ކަމަށެވެ،

މީގެ އިތުރުން، ދަހަމް ސިރިސޭނާއާ އެކު އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ވީސާއަށް އެދި ހުށަހަޅާފައިވާ އެކަކީ، މީގެ ކުރިން ނުބައި ލިޔެކިޔުންތަކަކާއި އެކު ވިސާއަށް އެދި ހުށަހެޅުމުގެ ސަބަބުން މީގެ ފަސް އަހަރު ކުރިން އިނގިރޭސި ވިލާތަށް ވަނުން މަނާކޮށްފައިވާ މީހެއް ކަމަށް ވެސް އިނގިރޭސި ޑެޕިއުޓީ ހައިކޮމިޝަނަރު ވިދާޅުވި އެވެ.