27 Mar 2016, 13:17
އުންމީދުކުރި މިންވަރަށް ވުރެ އިސްލާމިކް ފައިނޭންސް އަށް ރާއްޖޭގައި އޮތް ޑިމާންޑް ބޮޑުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި "އިސްލާމިކް ޕުރޮޑަކްޓް" އިތުރުވަމުން އަންނަ އިރު ކުރިއަށް އޮތްތަނުގައި ވެސް އިތުރުވަމުން އަންނާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
"އިސްލާމިކް ބެންކުގައި ބަހައްޓާ ޑިޕޮސިޓްސް ނުވަތަ އިސްލާމިކް ބެންކަށް އޮންނަ ޑިމާންޑް ވެސް އިތުރުވަމުން އެބައާދޭ، އަޅުގަނޑުމެން ކުރިން ހިޔާރު ކުރި ވަރަށް ވުރެ ވެސް މައްޗަށް މިހާރު އަސްލުވެސް ޑިމާންޑް އިތުރުވެފައި އޮތީ." މިނިސްޓަރު ވިދާޅުވި އެވެ.
އަދިވެސް ބޭނުންވާ ވަރަކަށް އިސްލާމިކް ޕުރޮޑަކްޓްސް ނޫފެއްދޭ ކަމަށާއި ކުރިއަށް އޮތްތަނުގައި ހައުސިން ފައިނޭންސް ފަދަ ކަންކަމުގައި އިސްލާމިކް ޕުރޮޑެކްޓްސް ބޭނުން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ވޭތުވެ ދިޔަ ތަނުގައި ރާއްޖެ އަށް އިސްލާމިކް ފައިނޭންސް ތައާރަފް ވެގެން އައިސްފައިވާ ގޮތުން އެނިޒާމަށް ރާއްޖޭގައި އޮތް ޑިމާންޑް ހާމަވެގެންދާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--ސަންފޮޓޯ: ފަޔާޒު މޫސާ
ރާއްޖެއަށް އިސްލާމިކް ފައިނޭންސް އައިސްފައި ވަނީ 2003 ވަނަ އަހަރު އަމާނާ ތަކާފުލް އައުމާ ގުޅިގެންނެވެ. މިހާރު މިވަނީ އިސްލާމިކް ބޭންކެއް ވެސް އައިސްފަ އެވެ. ހަމައެއާ އެކު ގައުމީ ބެންކް، ބޭންކް އޮފް މޯލްޑިވްސްއިން ވެސް މިވަނީ އިސްލާމިކް ބެންކިން ތައާރަފްކޮށްފަ އެވެ.
ސަރުކާރުން މިހާރު ވަނީ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން އެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފަ އެވެ.