އެކި އެކި ކަންތައްތަކާ ހިތްހަމަ ނުޖެހިގެން ދައުލަތުގެ އެކި އެކި މުއައްސަސާތައް ރައްޔިތުން ނުކުމެ ހިސާރުކުރުމަކީ ފަހަކަށް އައިސް އާއްމުވެފައިވާ ކަމެކެވެ. މިކަން މިހެން ވުމުގެ ސަބަބަކީ ނިމިދިޔަ ވެރިކަމުގެ އިރު އޮއްސެމުން ދިޔައިރު އޭރުގެ އިދިކޮޅު ފަރާތްތަކުން އަމަލުކުރި ގޮތްތަކުގެ ތެރެއިން ރައްޔިތުންނަށް ދަސްވި ގޮތް ކަމަށް ބައެއް މީހުން ބުނެ އެވެ.

މި އަހަރުގެ އެންމެ ހޫނު އެއްވުންތައް ފެނިގެން ދިޔައީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހުވާކޮށް ކައުންސިލަރުން އޮފީހަށް ނުކުންނެވުމާ ހަމައިންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ހިނގަމުން ދިޔަ އަތޮޅު ވެރިކަން އެހެން ރަށަކަށް ބަދަލުވިޔަ ނުދިނުމަށް އެއްވި މީހުންނާއި އެހެން ރަށަކުން އަމިއްލަ ރަށަށް ބަދަލުވި އަތޮޅުވެރިކަން ދިފާއުކުރުމަށް އެއްވި އެއްވުންތައް ފާހަގަކޮށްލެވެ އެވެ.

ށ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށަކީ އެ އަތޮޅު ފުނަދޫކަމަށް ކަނޑައަޅައި ގަރާރެއް ފާސްކުރި އެވެ. އަދި އެހިސާބުން އަތޮޅުކައުންސިލްގެ އިދާރާއަކީ ފުނަދޫގައި ކުރިން ހުރި އަތޮޅު އޮފީސްކަމުގައި ހަދައި ކައުންސިލަރުން އެތަނަށް ވެންނެވީ މި އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ.

އެކަމާ ވިދިގެން ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއް ތަންފީޒު ކުރުމަށް ފުލުހުން ރައިޓް ގިއަރުގައި ފުނަދުއަށް ގޮސް އަތޮޅު އޮފީހުގެ އިމާރާތް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށި އެވެ. އަތޮޅު ކައުންސިލްގެ މެމްބަރުން އަތޮޅު ދައުލަތުގެ އިމާރާތަކަށް ވަނަ ނުދިނުމަށެވެ. ފުނަދޫ އަތޮޅުގެ ބަންދުކުރުމާއި ހުޅުވުމުގެ ތެރޭގައި ކަންތައްތައް ހިނގާ ދިޔަގޮތް އެ ރަށު މީހުން ހަނދާން ހުންނާނެ އެވެ.

ކައުންސިލްގެ ގަރާރަކުން އަތޮޅުވެރިކަން ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅި އަނެއް ރަށަކީ ކ. ތުލުސްދު އެވެ. އެކަމުގައި ވެސް ފުލުހުން ވަރަށް ފުރިހަމަ އަށް އެމީހުންގެ ގާނޫނީ ވާޖިބު އަދާ ކުރިއެވެ.

ރައްޔިތުންގެ ތެރެއިން ބަޔަކު ދައުލަތުގެ އިމާރާތަކަށް ގަވާއިދާ ހިލާފަށް ވަންނަން އުޅޭ ނަމަ ފުލުހުން އަޅުއްވާ ފިޔަވަޅު ފުނަދޫ އާއި ތުލުސްދޫން ވެސް ފެނިފައި އޮއްވައި ދައުލަތުގެ އިމާރާތެއް ބަޔަކު ގަވާއިދާ ހިލާފަށް ބޭނުން ކުރަން ފެށީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރު ދުވާފަރުގެ 10 އާއިލާއެއްގެ މީހުން އެ ރަށު ކައުންސިލް އިދާރާ އަށް ވަދެގަތެވެ. އަތޮޅު ކައުންސިލަރުން ފުނަދޫގައި ހުންނަ އަތޮޅު އޮފީހަށް ވެދެވަޑައިގަތުމަށް އޮފީހަށް ވަޑައިގަތް އިރު، ގަލަމާއި މޯބައިލް ފޯނު ފަދަ ތަކެއްޗާ ތަފާތު ގޮތަކަށް މަރުހަބާ ކިއީ، ދުވާފަރު ބައެއް އާއިލާތަކުގެ ފޮށިތަންމަތިންނެވެ.

ދުވާފަރު ރަށު ކައުންސިލްގެ އިދާރާ އަށް ވަންނަން ދިޔަ މީހުންނަށް އެއްވެސް ދައްޗަކާ ނުލައި އެތަނަށް ވަދެވުނީ ފުލުހުން ރައިޓް ގިއަރުގައި އެ ރަށުގައި ހަރަކާތްތެރި ވަމުން ނުދިއުމުން ކަމަށް ވެދާނެ އެވެ. ކުރިން އެނގިފައި ނުވާތީ ފުލުހުންނަށް އެ ރަށަށް އެވަގުތު ނުދެވުނީ ކަމަށް ވެސް ވެދާނެ އެވެ.

ރަށު ކައުންސިލްގެ އިދާރާ އަށް މީހުން ވަނުމުން އެމީހުންނަށް އެއިމާރާތް ދޫކޮށްލައްވާފައި ވަޑައިގަތް ކައުންސިލަރުންގެ ތެރެއިން އެއްބޭފުޅަކާ އެވަގުތު ގުޅާލުމުން ވިދާޅުވީ "ތިކަހަލަ ކަމެއް ހިނގައިގެން އެބައުޅެއޭ މައުލޫމާތު ހޯދުމަށް ކަމާ ބެހޭ ފަރާތަށް ގުޅާ" މިހެންނެވެ.

ކަމާ ބެހޭ ފަރާތަކީ ފުލުހުން ކަމަށް ހީކޮށް ފުލުހުންނަށް ގުޅާލުމުން ފުލުހުން ވެސް ބުނި ހަމައެކި ބަހަކީ "ދުވާފަރު ރަށު ކައުންސިލްގެ އިދާރާ އަށް ބަޔަކު އެއްވެގެން އެބަ އުޅޭ" މިހެންނެވެ.

ދުވާފަރު ރަށު ކައުންސިލުގެ މެމްބަރުންނާއި ރ. އަތޮޅު އަތޮޅު ކައުންސިލްގެ އިތުރުން ފުލުހުންގެ ވެސް އިތުރު ބަހެއް ނުލިބި އެދުވަސް ނިމިގެން ދިޔަ ނަމަވެސް ކައުންސިލްގެ އިދާރާގައި ވަޒަންވެރިވެގެން ތިބި މީހުންގެ ފަރާތުން ފުރިހަމައަށް މައުލޫމާތު ލިބެމުން ދިޔައެވެ. އިންޓަވިއުތަކާއި ފޮޓޯތައް ވެސް ނޫސްވެރިންނަށް ދިޔައީ ލިބެމުންނެވެ.

"އަޅުގަނޑުމެން މިއުޅެނީ ރަށު ކައުންސިލް އިދާރާ ބަންދުކޮށްގެނެއް ނޫން. އަޅުގަނޑުމެން 10 ގޭގެމީހުންނަށް އަޅުގަނޑުމެންގެ ގެތަކުން ސާފުފެން ނުލިބޭތީ ރަށުކައުންސިލްގެ އިދާރާއަށް ދިރިއުޅުން ބަދަލުކުރީ" ދުވާފަރު ރަށު ކައުންސިލްގެ އިދާރާ އަށް ވެރިވެގަނެގެން ތިބި މީހުންގެ ތެރެއިން އެކަކު އެދުވަހު ބުންޏެވެ.

ދުވާފަރު ރަށުކައުންސިލްގެ އިދާރާ އަށް ވެރިވެގެން ތިބި 80 ވަރަކަށް މީހުންގެ ތެރެއިން މީހަކު އޭގެ ތިން ދުވަސް ފަހުން ވެސް ބުނީ އެމީހުން އޭރު ވެސް ތިބީ ރަށުކައުންސިލް އިދާރާގައި ކަމަށެވެ.

"އަޅުގަނޑުމެން އަދިވެސް މިތިބީ ހަމަ ރަށު ކައުންސިލްގެ އިދާރާގައި. އަދިވެސް ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް އަދިވެސް ނާންގަވާ" ރަށުކައުންސިލްގެ ތެރޭގައި ދިރިއުޅުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސަމުން ދިޔަ ޔުމްނާ ޒަކަރިއްޔާ ބުންޏެވެ.

ޖުމްލަ ފަސްދުވަސް ވަންދެން ރަށު ކައުންސިލްގެ އިދާރާގައި ދިރިއުޅުމަށް ފަހު ދުވާފަރުގެ 80 ވަރަކަށް ރައްޔިތުން އެތަނުން ނުކުމެ އެމީހުންގެ ގެތަކަށް ބަދަލުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރައިޓް ގިއަރުގައި ތިބި ފުލުހުންގެ ބަދަލުގައި އެމީހުންނާ މުއާމަލާތު ކުރީ އެމީހުން ހޮވާފައި ތިބި ރަށު ކައުންސިލްގެ މެމްބަރުންނެވެ. ކަރުނަ ގޭހާއި މުގުރުގެ ބަދަލުގައި އެމީހުންނަށް ލިބުނީ ހިތްހަމަ ޖެހޭ ޖަވާބެކެވެ.

"ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ކަޅުހަން ގެންދޭ. " މިޖަވާބާ އެކު ގެތަކަށް ބަދަލުވި މީހުން ގެންދިޔަ ހަންތަކަށް މިހާރު ވަނީ ސާފު ފެންވެސް އަޅައިދީފަ އެވެ.

މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ދުވާފަރުގައި ހިނގި ކަންތައްތަކުގެ ހަބަރު ތަކާއި އޭގެ ކުރިން މާޗް މަހު ތުލުސްދުއާއި ފުނަދޫގައި ހިނގި ކަންތައްތަކުގެ ވެސް ހަބަރު އަޑުއަހައިގެން ތިބި މީހުންނަށް ބުނެވުނީ މިހެންނެވެ.
ދުވާފަރު މީހުންނަށް ކަޅުހަން ދެއްތޯ؟ އެހެން ރަށްރަށު މީހުންނަށް ތެޔޮހަން"