ވޮޝިންޓަން (މާޗް 27): އެމެރިކާގެ ރައީސްކަމަށް ހޮވިއްޖެނަމަ، އިސްލާމިކް ސްޓޭޓާ ދެކޮޅަށް ސައުދީ އަރަބިއްޔާފަދަ ގައުމުތަކުން ހަނގުރާމަ ނުކުރާނަމަ އަރަބި ގައުމުތަކުން ތެޔޮ ގަތުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ރިޔާސީ ރޭހުގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރިޕަބްލިކަން ޕާޓީގެ ޓްރަމްޕް އެފަދައިން ވިދާޅުވީ އޭނާގެ ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން ނިއުޔޯކް ޓައިމްސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި، ޓްރަމްޕްގެ ވެރިކަމުގައި އައިއެސްއާ ހަނގުރާމަ ކުރަން އެއްގަމު ފައުޖުތައް ނުފޮނުވާ ގައުމުތަކުން ތެޔޮ ގަތުން ހުއްޓާލާނެތޯ ސުވާލު ކުރުމުންނެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ރައްކާތެރިކަން ފޯރުކޮށްދޭ ގައުމުތަކުން އެގައުމަށް އޭގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އެއީ ސައުދީ އަރަބިއާ ފަދަ ވަސީލަތްތައް ގިނަ ގައުމަކަށް ވިޔަސް ތަފާތެއް އޮވެގެން ނުވާނެ ކަމަށެވެ.

"ޖަވާބަކީ އާއެކޭ... އެތައް ގައުމަކަށް ރައްކާތެރިކަން ފޮރުކޮށްދީގެން އަޅުގަނޑުމެން ކޮށްދޭ ބޮޑު ހިދުމަތުގެ ބަދަލު އަޅުގަނޑުމެންނަށް ނުލިބޭ. މިހާރު ސައުދީ އަރަބިއާއަކީ އޭގެ ތެރެއިން އެއް ގައުމު. އެމެރިކާގެ ރައްކާތެރިކަން ސައުދީ އަރަބިއާއަށް ނުލިބޭ ނަމަ، އަޅުގަނޑަކަށް ހިއެއް ނުވޭ ސައުދީ އަރަބިއާ މިހާރު އޮތްގޮތަށް އޮންނާނެހެން،" ޓްރަމްޕް ވިދާޅުވި އެވެ.

"އެމެރިކާ ފުރަތަމައަށް" ކިޔާ ޓްރަމްޕްގެ ހާރިޖީ ސިޔާސަތުގެ ދަށުން، ޖަޕާނާއި ދެކުނު ކޮރެއާއަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ދެއްވުމާ ބެހޭ ގޮތުން ވިސްނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއީ އުތުރު ކޮރެއާ އާއި ޗައިނާގެ ފަރާތުން ރައްކާތެރިކަން ހޯދުމަށް އެ ދެ ގައުމުން އެމެރިކާއަށް ބަރޯސާވުން ހުއްޓުވުމަށް ކަމަަށް ޓްރަމްޕް ވިދާޅުވި އެވެ. (ގާޑިއަން)