އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން 2021 އާއި ހަމައަށް އެކުލަވާލާފައިވާ ސުޓުރެޓެޖިކް ޕްލޭން އިފްތިތާހްކޮށްފި އެވެ.

އެކޯޕަރޭޝަން އާއި ހަޒާނާ މޯލްޑިވްސްއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ހަފްލާއެއްގައި އެޕްލޭން ނެރެދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.

ސުޓުރެޓެޖިކް ޕްލޭންގެ ފޯކަސް ހުރީ ދެ އަހަރުގެ ތެރޭގައި ރާއްޖެއިން ފައިސާ ހޯދުމަށް ފަހު ބައިނަލްއަގުވާމީ މާކެޓަށް ދިއުމަށް ޓަކައި ފަރުމާ ކުރަން ޖެހޭ ހުރިހާ ގާނޫނީ އޮނިގަނޑާއި ފުރޭމްވޯކް ހެދުމަށެވެ.

އެޕްލޭން ނެރެދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ އެސެންޓަރުގެ ބޭނުމަކީ ދިވެހި ރައްޔިތުންނަށާއި ބޭރުގެ ފަރާތްތަކަށް ފަސޭހަ އިން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

މިއީ ރާއްޖޭގެ ތަރައްގީއަށް ބަދަލު ގެނެސްދޭނެ ކަމެއް ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެސެންޓަރުގެ މަސައްކަތްތައް ފަރުމާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ކުރަމުންދާ މަސައްކަތަކީ ޕްލޭން ކުރުން، އެއަށް ފަހު ފިޒިކަލް ސެޓަޕެއް ގާއިމް ކުރެވޭނެ، އަދި އެއާއެކީގައި އެއަށް ބޭނުންވާ ގާނޫނުތައް ފަރުމާ ކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އެކޯޕަރޭޝަންގެ ބޯޑް މެމްބަރު އަދި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މަސައްކަތް ކުރަމުންދަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ރާއްޖެ އަށް ހޯދެން ހުރި ހުރިހާ ފައިދާއެއް ހޯދުން ކަމަށެވެ.

އެސެންޓަރު އުފެއްދުމަށް ޓަކައި ބައިނަލްއަގުވާމީގޮތުން އެފަދަ މަސައްކަތްތައް ކުރައްވާފައިވާ ތަޖުރިބާކާރުންނާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސެންޓަރުގެ ތެރެއިން ފައިނޭންސް ހޯދަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ އޮނިގަނޑު ފަރުމާ ކޮށްދިނުމާއި ފަންނީ އެހީތެރިކަން ހޯދައި ދިވިގެންދާނެ ކަމަށެވެ. ހަމައެއާ އެކު ސާކް ސަރަހައްދުގެ ގައުމުތައް ހިމަނައިގެން "ރީތަކާފުލް ފަންޑެއް" ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އެސެންޓަރު ގާއިމް ކުރުމަށް ހުޅުމާލެއިން ބިމެއް ވަނީ ދީފަ އެވެ. އެސެންޓަރު ގާއިމް ކުރެވެންދެން އެމަސައްކަތްތައް ކުރުމަށް ނިންމާފައި ވަނީ ފިނޭންސް މިނިސްޓްރީގެ ތެރެއިންނެވެ. ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އަމަލީގޮތުން އެ މަސައްކަތްތައް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން އާއި ހަޒާނާ މޯލްޑިވްސްގެ ބޯޑް މިހާރު ވަނީ އެކުލަވާލާފަ އެވެ.