27 Mar 2016, 12:18
ގދ.މަޑަވެއްޔާއި ގދ.ހޯނޑެއްދޫއާ ދެމެދު ކޯޒްވޭއެއް ހަދައި، ދެ ރަށް ގުޅައިލުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އާއި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ފަސީހު އެވެ.
ދައުލަތުގެ ބަޖެޓުން 29 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު ނިންމަން އެމްޓީސީސީއަށް ދީފައި ވަނީ ސޮއި ކުރާ މުއްދަތުން ފެށިގެން 300 ދުވަހެވެ.
މަޑަވެއްޔާއި ހޯނޑެއްދޫއާ ދެމެދު އަޅާ ކޯޒްވޭގައި 440 މީޓަރު، އަދި ފުޅާ މިނުގައި ހަތް މީޓަރު ހުންނާނެ އެވެ. އަދި ކޯޒްވޭގެ އަޑިން ފެން ދައުރުކުރުމަށް ކޮންކްރީޓު ކަލްވާޓުތަކެއް ވެސް ހުންނާނެ އެވެ.
މި މަސައްކަތުގެ ތެރެއިން މަޑަވެލީގެ 3.5 ހެކްޓަރުގެ ބިން އެމްޓީސީސީއިން ހިއްކަން ޖެހެ އެވެ.
މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު -- ސަން ފޮޓޯ/ފަޔާޒް މޫސާ
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ، މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅައިލުމުން ދެ ރަށުގެ އިޖްތިމާއީ އަދި އިގްތިސާދީ ކަންކަމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މި ޕްރޮޖެކްޓަކީ މަޑަވެލި އަދި ހޯނޑެއްދޫގެ ރައްޔިތުން ޒަމާނުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަކަށް ވުމުގެ ފެށުން،" މުއާޒު ވިދާޅުވި އެވެ.