ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ބަޔަކު މިދިޔަ ބުދަ ދުވަހުގެ ރޭ ފާރަލައި އޭނާގެ ސައިކަލަށް ގެއްލުންދީފި އެވެ.

ކްރިމިނަލް ކޯޓުގެ އެ ގާޒީ މިއަދު ވިދާޅުވީ އޭނާ އަށް ފާރަލާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އޭނާގެ ތިމާ މީހެއްގެ ގެއެއްގައި ހުންނެވުމަށް ފަހު ގެއަށް ވަޑައިގެންނަވަނިކޮށް ކަމަށެވެ. އަދި އަނެއް ދުވަހު ހެނދުނު ބެލިއިރު ސައިކަލުގެ ފަހަތު ފުރޮޅުގެ ދެކޮޅަށް މޮހޮރު ޖަހައި ޓަޔަރު ހުރީ ފަޅާލާފައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ގާޒީ ވިދާޅުވީ އިންޒާރުތަކާއި އެފަދަ ކުދިކުދި ގެއްލުންތައް ދިނުމަކީ ފެށުނީއްސުރެ ވެސް ވަރަށް އާންމުކޮށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ދިމާވަމުންދާ ކަމެއް ކަމަށެވެ. އެކަމަކު މިދުވަސްކޮޅު އެފަދަ ކަންތައްތައް ތަންކޮޅެއް ގިނަވެގެން އުޅެނީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

"ފެށުނީއްސުރެ ވެސް ވަރަށް އާންމުކޮށް ހިނގާ ކަމެއް މިއީ. އަނެއްހެން ދެން ނޯމަލް ކަމެއް މިފަދަ ކަންތައްތައް ދިމާވުމަކީ. އެކަމަކު މި ދުވަސްކޮޅު ތަންކޮޅެއް މިކަހަލަ ކަންތައްތައް ގިނަވެގެން އުޅެނީ،" ގާޒީ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ސައިކަލަށް ގެއްލުންދިންކަން އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެ ގާޒީއަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބަޔަކު ފާރަލިކަން ވެސް އިސް ގާޒީ ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.

ގާޒީ އަށް ބަޔަކު ފާރަލި ވަގުތު އޭނާއާ އެކު ހުރި މީހަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުނީ އެ ގާޒީއަށް ފާރަލާފައި ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ސައިކަލުތަކެއްގައި އައި ބަޔަކު ކަމަށެވެ. އަދި އެމީހުން އުޅުނީ ވަރަށް ޝައްކު ކުރެވޭ ގޮތަކަށް ކަމަށާއި ގާޒީގެ ގެ އާ ހަމައަށް ވެސް އެމީހުން އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ފާހަގަވީ ސައިކަލުތަކެއް އަޅުގަނޑުމެން ފަހަތުން އަންނަ ކަމަށް. އެމީހުންނަށް އޯވާޓޭކް ކުރުމަށް ޖާގަ ދިނީމާ ވެސް ނުއެއް ދިޔަ. ދެން ފަހަތުން ހަމަ އަންނަނީ. ގާޒީ ގެއަށް ވެންނެވި އިރު ވެސް އެމީހުން ތިބި. އޭގެ ތެރެއިން އެކަކު އެ ވަގުތު ވަރަށް ބާރަށް ގޭ ދޮރު މަތިން ވެސް ދިޔަ،" އޭނާ ކިޔައިދިނެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް އެކި ގޮތްގޮތުން އެކި ދުވަސްވަރު އިންޒާރުތައް ދެމުން އަންނަ ކަމުގެ ޝަކުވާ ގާޒީން އަބަދުވެސް ކުރައްވަ އެވެ. މިފަހުން ހިނގައިދިޔަ ކަންތައްތަކަށް ބަލާއިރު މިދިޔަ ބުރާސްފަތި ދުވަހު ބަންދުގެ މުއްދަތަށް ކޯޓަށް ގެނައި މީހަކު ވަނީ ކޯޓުގެ ދޮރެއް ތަޅާލައިފަ އެވެ. އަދި ކޯޓުގެ މުވައްޒަފުންނަށާއި ތަނަށް ގެއްލުން ދިނުމަކީ އާންމުކޮށް ކްރިމިނަލް ކޯޓުގައި ހިނގާ ކަންތައްތަކެވެ.

މިފަދަ ކަންތައްތައް ހިނގާތީ މިފަހުން ފުލުހުން ވަނީ ގާޒީންނަށް ޕާސަނަލް ސެކިއުރިޓީ ވެސް ދޭން ފަށައިފަ އެވެ. އެކަމަކު ފަނޑިޔާރުންގެ ގާނޫނު ފާސްވުމާ އެކު ފުލުހުން ވަނީ ސެކިއުރިޓީ ދިނުމުގެ ހިދުމަތް ހުއްޓާލައިފަ އެވެ.

"މިހާރު ގާޒީންނަކަށް ސެކިއުރިޓީއެއް ނެތް. ކުރީގައި އޮވޭ ގާޒީންނަށް ޕާސަނަލް ސެކިއުރިޓީ ދީފައި. އެކަމަކު ގާނޫނު ފާސްވުމާ އެކު ފުލުހުން މިހާރު ޕާސަނަލް ސެކިއުރިޓީއެއް ނުދޭ. ގާނޫނާ އެއްކޮށް އެބައި އުނިވެފައި ވަނީ،" ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވި އެވެ.