ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނެސްގޮސްފި އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުގެ މެމްބަރު އަދި އަލިފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން "ސަން" އަށް މިއަދު ވިދާޅުވީ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔައީ އެ ޕާޓީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގައި މެމްބަރުން ހުށަހެޅި ހިޔާލުތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.

"ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރެވިގެން ދިޔައީ މިއީ އަދި އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެ މައްސަލައައިގެން ކުރިއަށްދާން." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ގެނެސްފައިވާއިރު އެ މައްސަލާގައި މަސީހަށް މަޖިލީހުން ވަނީ ނޯޓިސް ވެސް ދީފަ އެވެ.

އެމްޑީޕީން ބުނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވާއިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ އިރު ވެސް ތަކުރާރުކޮށް އެ ގަވައިދުތަކާ ހިލާފުވެ މަޖިލީހުގެ ގަދަރާއި ޝަރަފު ނަގާލައި މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް މަޖިލިސް ރައީސް މަސީހު އަމަލުކޮށްފައިވާތީ ކަމަށެވެ.