27 Mar 2016, 10:38
ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި މިދިޔަ ހަފްތާގައި އައިއެސްއިން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ތިން ގައުމެއްގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބެލްޖިއަމް، ފްރާންސް އަދި ޖަރުމަނުގައި، އެ ގައުމުތަކުގެ ސިފައިން މިލިޓަރީ އޮޕަރޭޝަނެއް ހިންގައި، ބެލްޖިއަމްގައި ދެވުނު ހަމަލާއާއި ގުޅުން ހުރި ކަމަށް ބެލެވޭ ބަޔަކު ހައްޔަރު ކޮށްފަ އެވެ. ބެލްޖިއަމްގެ ދައުލަތުގެ ފަރާތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ، އެދުވަހު ހައްޔަރުކުރި 12 މީހުންގެ ތެރެއިން މީހެއްގެ މައްޗަށެވެ.
ފައިސަލް ޝާފޫ ނަމަކަށް ކިޔާ މި މީހާ އަކީ، ނޫސްވެރިއެއްގެ ވަޒީފާ އަދާކުރާ މީހެއް ކަމަށް ބެލްޖިއަމްގެ މީޑިއާއިން ރިޕޯޓު ކުރެ އެވެ.
އޭނާ ހައްޔަރު ކުރެވުނީ ބެލްޖިއަމްގެ ބްރަސެލްސްގައި ހުންނަ ޕްރޮސެކިއުޓަރުންގެ އޮފީހުގެ ބޭރުންނެވެ. ފުލުހުން އޭނާގެ ގެ ބަލައި ފާސްކުރި އިރު، ނުރައްކާތެރި ހަތިޔާރެއް ފެނިފައެއް ނުވެ އެވެ.
ބްރަސެލްސްގެ މެޓްރޯ ސްޓޭޝަނުގައި ބޮމެއް ގޮއްވާލުމުގައި ބައިވެރިވީ ތިން މީހެއް ކަން ސީސީޓީވީ ވީޑިއޯ އިން ދައްކަ އެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ބަކްރޫއީއާއި ނާޖިމް ލަޝްރޫއީގެ އިތުރުން ދެން ފެންނަނީ ފައިސަލް ޝާފޫ ކަމަށް ބެލްޖިއަމްގެ ފަރާތްތަކުން ބުނެ އެވެ.
ޖާނުން ފިދާ ވެގެން ބްރަސެލްސްގައި ހަމަލާ ދިނުމުގެ ތެރޭގައި، އިބްރާހިމް ބަކްރޫއީއާއި އޭނާގެ ކޮއްކޮ ޚާލިދު ބަކްރޫއީ ވަނީ މަރުވެފަ އެވެ. ނާޖިމް ލަޝްރޫއީ ވަނީ ހައްޔަރު ކުރެވިފަ އެވެ.
ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އިންޓަނޭޝަނަލް އެއާޕޯޓާއި، މާލްބީކް މެޓްރޯ ސްޓޭޝަނުގައި ދެވުނު ބޮމުގެ ތިން ހަމަލާގައި، 31 މީހަކު މަރުވެ، 250 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
މަސްދަރު: ބީބީސީ