27 Mar 2016, 10:47
މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގައި ހިންގާ ގެސްޓް ހައުސްތަކުގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މިންވަރު ނުވަތަ އޮކިއުޕެންސީ ރޭޓް އެތައް ގުނައެއް މައްޗަށް ޖެހިލައިފި އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފެބްރުއަރީ މަހު ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީއަކީ 29.2 ޕަސެންޓެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 45.7 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 16.5 ޕަސެންޓުގެ ކުރިއެރުމެކެވެ.
ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ ރެކޯޑް މިންވަރަކަށް އިތުރުވެފައިވާ އިރު، ރިސޯޓްތަކުގެ އޮކިއުޕެންސީ ނުވަތަ އެ ތަންތަނަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރަންދާ މިންވަރަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިއަހަރު ޖެނުއަރީ މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ ވަނީ 4.8 ޕަސެންޓް ދަށްވެފަ އެވެ.
ޖެނުއަރީ މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ އެ އަދަދަށް ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ އަށް ވަނީ 0.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ.
ޓޫރިސްޓު ހޮޓާތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މިއަހަރު ފެބްރުއަރީ މަހުގެ އޮކިއުޕެންސީ ވަނީ 4.9 ޕަސެންޓް ދަށަށް ޖެހިފަ އެވެ. އަދި ޖެނުއަރީ މަހު އެ އަދަދުން ވަނީ 1.9 ޕަސެންޓުގެ ފަރަގެއް ފެނިފަ އެވެ. ސަފާރީ އުޅަނދުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ބަލާއިރު މިއަހަރު ފެބްރުއަރީގައި އެފަދަ އުޅަނދުތަކުގެ އޮކިއުޕެންސީ ވަނީ 1.3 ޕަސެންޓް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މިއަހަރު ފެބްރުއަރީގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 0.1 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީގައި ރާއްޖެއަށް ޒިޔާރަތް ކުރީ 120،468 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު ފެބްރުއަރީގައި އެ އަދަދު ވަނީ 120،639 އަށް އިތުރުވެފަ އެވެ.
ފަތުރުވެރިން ޒިޔާރަތް ކުރި އަދަދަށް ވެސް ކުރިއެރުމެއް ލިބުނު އިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާ އިން 34،330 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
ޔޫރަޕްގެ ގައުމުތަކަށް ބަލާއިރު، ޖަރުމަނާއި ރަޝިއާ އިޓަލީ އަދި ޔޫކޭ ފަދަ ގައުމުތަކުން ވެސް ރާއްޖެއަށް ވަނީ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަން އަށް އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް އިޔާ ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި މިއަހަރު ފާހަގަކުރަމުން އަންނަ އިރު ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ޓޫރިޒަމް ދަނީ ޕްރޮމޯޓް ކުރަމުންނެވެ.