ޓެކްނޮލޮޖީސް ކުންފުނި އެޕަލްއިން މި ވަނީ، އެ ކުންފުނިން މި އަހަރު ނެރޭ ފުރަތަމަ ފޯނުތައް އާންމުކޮށް އިއުލާނު ކޮށްފަ އެވެ. ސައިޒުން ކުޑަ ނަމަވެސް، އެޕަލްގެ އެހެން ފޯނުތަކަށް އައިފޯން އެސްއީ ދުލެއް ނުކުރެ އެވެ.

މި އާ ފޯނު ރާއްޖެއާ ހިސާބަށް ފޯރާނީ މިއަހަރުގެ މެއި މަހު ކަމަށް ބެލެވެ އެވެ. މި ހިނގާ މާރިޗު މަހުގެ 22 ވަނަ ދުވަހު، އައިފޯނު އެސްއީ އިއުލާނު ކުރެވިގެން ދިޔަ އިރު، 24 މާޗު ވަނަ ދުވަހު އޭގެ ޕްރީއޯޑަރު ނަގަން ފެށި އެވެ. އަދި މާޗު 31 ވަނަ ދުވަހު އެ ފޯނު ބާޒާރަށް ނުކުންނާނެ އެވެ. އެންމެ ފުރަތަމަ ފޯނު ލިބެން ހުންނާނީ އޮސްޓްރޭލިއާ، ކެނެޑާ، ޗައިނާ، ފްރާންސް، ޖަރުމަނު، ހޮންގ ކޮންގ، ޖަޕާނު، ނިއު ޒިލެންޑް، ޕުއާޓޯ ރީކޯ، ސިންގަޕޫރު އަދި އިނގިރޭސި ވިލާތާއި އެމެރިކާގަ އެވެ. އެހެނިހެން ގައުމުތަކުގައި އެ ފޯނު، މެއި މަސް ނިމުމުގެ ކުރިން ބާޒާރުގައި ހުންނާނެ އެވެ.

އައިފޯނު އެސްއީގެ 16 ޖީބީގެ ފޯނު އިނގިރޭސި ވިލާތުގެ ބާޒާރުގައި ލިބެން ހުންނާނީ 359 ޕައުންޑަށެވެ. އެމެރިކާގައި 399 ޑޮލަރަށެވެ. 64 ޖީބީގެ ފޯނު އިނގިރޭސި ވިލާތުގައި 429 ޕައުންޑަށް، އަދި އެމެރިކާގައި 499 ޑޮލަރަށެވެ. އައިފޯން އެސްއީއަކީ، އެޕަލުން މިހާތަނަށް ނެރޭ އެންމެ އަގުހެޔޮ ފޯނެވެ.

ނަމަވެސް އަގާއި ބަލާ އިރު، މި ފޯނުގެ ކޮލިޓީ އާއި މަސައްކަތްތައް މާ ރަނގަޅު ވެފައި ފުރިހަމަ ކަމަށް ބެލެވެ އެވެ.

ސްޕޭސް ގްރޭ، ރޯޒް ގޯލްޑް، ރަން އަދި ރިހި ކުލައިން ލިބެން ހުންނަ މި ފޯނަކީ، މިހާތަނަށް އެޕަލްއިން އުފެއްދި އެންމެ ރީތި ފޯނު ކަމަށް ގިނަ ބަޔަކު ބުނާ އައިފޯނު 5 އެސްއާ ދާދި ވައްތަރު ފޯނެކެވެ. ހަތަރު އިންޗީގެ އައިފޯނު އެސްއީ، 5އެސް އަށް ވުރެ ދެގުނަ އަށް ހަލުއިކޮށް މަސައްކަތް ކުރެ އެވެ. އަދި 5 އެސްއާ އަޅައި ބަލާއިރު އެސްއީގެ ގްރެފިކްސް ތިން ގުނައަށް ފާސްޓް އެވެ.

އައި އޯއެސް 9.3 އިން މަސައްކަތް ކުރާ އައިފޯނު އެސްއީގެ ބެޓެރީ ލައިފް ވެސް ވަނީ އިތުރުކޮށް، ރަނގަޅުކޮށްފަ އެވެ.

މީގެ އިތުރުން، އެ ފޯނުގައި ހުންނަނީ 12 މެގަ ޕިކްސެލްގެ ކެމެރާއެކެވެ. އިމޭޖް ސިގްނަލް ޕްރޮސެސަރެއް ވެސް ހިމެނޭ އިރު، 4ކޭ ރިޒޮލިއުޝަނުގެ ވީޑިއޯ ރިކޯޑު ކުރެވުމާއި، 63 މެގަޕިކްސެލްގެ ޕެނޮރޭމިކް ފޮޓޯ ވެސް ނެގެ އެވެ. އަދި އެޕަލްއިން ތައާރަފު ކޮށްފައިވާ "ލައިވް ފޮޓޯ" ނެގުމުގެ ގާބިލިއްޔަތު ވެސް މި ފޯނުގައި ހުރެ އެވެ. ލައިވް ފޮޓޯ ފީޗައަކީ، ކުދި ކުދި ވީޑިއޯ ފަދައިން ފޮޓޯ ނެގޭ ފީޗާ އެކެވެ. މި ފޮޓޯތައް ހުންނާނީ ގްރެފިކްސް އިންޓަގްރޭޓެޑް ފޯމެޓް (ގިފް) ގެ ފޮޓޯތައް ފަދައިންނެވެ.

ފޯނުގެ ކުރިމަތީގައި ހުންނަ ކެމެރާއަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެން ނަމަވެސް މިއީ "ކަޑަ" ކެމެރާއެއް ނޫނެވެ. ފޭސްޓައިމް އެޗްޑީ ކެމެރާއެއް ފޯނުގެ ކުރިމަތީގައި ހުންނަ އިރު، ތިން ގުނައަށް އަލިކޮށްދޭ ރެޓިނާ ފްލޭޝް ބޭނުންކޮށް، ފުރިހަމަ ސެލްފީއެއް ނަގަންވީ އެވެ.