ވޮޝިންޓަން (މާޗް 27): އެމެރިކާގައި ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ޕްރައިމަރީތަކުގެ ތެރެއިން އެގައުމުގެ ޑިމޮކްރަޓިކް ޕާޓީން އިއްޔެ އަލަސްކާއާއި ވޮޝިންޓަންގައި ބޭއްވި ޕްރައިމަރީން ވާމަންޓްގެ ސެނެޓަރު، ބާނީ ސޭންޑާސް ކުރިހޯއްދަވައިފި އެވެ.

ވޮޝިންޓަންގެ ޕްރައިމަރީ ސޭންޑާސް ކާމިޔާބު ކުރެއްވީ 76 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އަދި އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އަލަސްކާގެ ޕްރައިމަރީން ސޭންޑާސް ވަނީ 79 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވާފަ އެވެ.

އަލަސްކާ އާއި ވޮޝިންޓަންގެ ޕްރައިމަރީތަކުގެ ނަތީޖާ އިއުލާންކޮށްފައިވާ އިރު އިއްޔެ ހަވާއީގައި ބޭއްވި ޕްރައިމަރީގެ ނަތީޖާ އަދި އިއުލާންކޮށްފައި ނުވެ އެވެ.

އެމެރިކާގެ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކުން ކާމިޔާބު ކުރައްވާ ކޮންމެ ސްޓޭޓަކަށް، އެފަރާތަކަށް ލިބުނު ވޯޓުގެ އިންސައްތައަށް ބަލާފަ އެސްޓޭޓަކުން ޑެލިގޭޓުން ލިބިލައްވާނެ އެވެ. ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށްވާން ބޭނުންވާ ބޭފުޅަކު 2،383 ޑެލިގޭޓުން ހޯއްދަވަން ޖެހޭނެ އެވެ.

އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން ވަނީ މިހާތަނަށް 1،223 ޑެލިގޭޓުން ހޯއްދަވާފަ އެވެ. އެއާ އަޅާބަލާއިރު ސޭންޑާސްއަށް ތާއިދު ކުރާ ޑެލިގޭޓުން އަދަދަކީ 920 އެވެ. (ބީބީސީ)