27 Mar 2016, 09:44
(24 މާރޗްގެ އަދަދާގުޅޭ)
7. އަންޞާރިއްޔަ ޞަޙާބީންގެ ވަރަށް މާތް ތިންބޭކަލެއްކަމުގައިވާكعب بن مالكއާއި،حلال بن أميّةއާއި،مرارة بن الرّبيعއާ ތިންބޭކަލުން(رضى اللّـه عنهم)ތަބޫކު ހަނގުރާމައިގައި އިސްލާމީ ލަޝްކަރާ ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެއްވެސް ޝަރުޢީ ޢުޒުރަކާ ނުލައެވެ. އެހެންކަމުން އިތުރު ސާހިބާصلّى اللّـه عليهوسلّمތަބޫކުން އެނބުރިވަޑައިގަތުމަށްފަހު އެތިންބޭކަލުންނާ ގުޅުން ކަނޑުއްވައިލެއްވިއެވެ. އެންމެހައި މުސްލިމުންވެސް އެބޭކަލުން ބޮއިކޮޓްކުރިއެވެ. އެބޭކަލުން އެކަމާ ދެރަފުޅުވެ، އަސްތަޣުފާރު ވިދާޅުވެ ތައުބާވެވަޑައިގެންނެވިއެވެ. އެގޮތުގައި އެބޭކަލުން ދެމިތިއްބެވިއެވެ.أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاއެދުވަސްވަރުكعب بن مالك رضى اللّـه عنهއާ ބެހޭގޮތުން، ކައުސާހިބާصلّى اللّـه عليهوسلّمގެ އަރިހުގައި އެތައްފަހަރަކު ސަކާކުރެއްވިއެވެ.
އަރަހުށި މާތްاللّـهއެބޭކަލުންގެ ތައުބާ ޤަބޫލުކުރެއްވިކަން އެންގެވުމާއެކު، ކައުސާހިބާصلّى اللّـه عليهوسلّم،السّيّدة أمّ سلمةއަށް އެ ޚަބަރު ދެއްވިއެވެ. އެއީ ރޭގަނޑެއްގެ ވަގުތެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "كعب بن مالكއާއި އެކަލޭގެފާނުގެ އެކުވެރީންގެ ތައުބާ ޤަބޫލުކުރައްވައިފިއެވެ."أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاނުހަނު ލޯބިފުޅުން ކައުސާހިބާއާ ސުވާލުކުރެއްވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ. ތިޔަ އުފާވެރި ޚަބަރު ހަމަމިހާރު އެބޭކަލުންގެ އަރިހަށް ފޮނުވަންތޯއެވެ؟ އެބޭކަލުންގެ އަރިހަށް އަޅުގަނޑު މީހަކު ފޮނުވައިފާނަމެވެ."
ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޖަވާބުދެއްވިއެވެ. "މިހާރަކު ނޫނެވެ. އެބޭކަލުންގެ އަރާމުކުރެއްވުމަށް ހުރަސްއެޅިދާނެއެވެ." އިތުރު ސާހިބާصلّى اللّـه عليهوسلّمފަތިސްނަމާދަށްފަހު އެބޭކަލުން ގެންނަވައި އެ އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. މަރްޙަބާ ވިދާޅުވިއެވެ. އެބޭކަލުން އިންތިހާދަރަޖަޔަށް އުފާކުރެއްވިއެވެ.
އީލާއުއާއި ތަޚްޔީރުގެ މައްސަލަ
ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިއަނބިކަނބަލުން ނަފަޤާތް އިތުރުކޮށްދެއްވުން އެދިވަޑައިގެން ކުރެއްވި މުޒާހަރާގެ ވާހަކަ އަޅުގަނޑު ވަނީأمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــهاގެ ޙަޔާތްޕުޅާމެދު އަޅުގަނޑު ލިޔުނު މަޒްމޫނުގައި ބަޔާންކޮށްފައެވެ.أمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاވެސް އެކަމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
أبوبكر الصّدّيق رضى اللّـه عنــهއާއިعمر الفاروق رضى اللّـه عنــهއާ ދެބޭކަލުން އެދެބޭކަލުންގެ ދެދަރިކަނބަލުންކަމުގައިވާعائشة رضى اللّـه عنــهاއަށާއި،حفصة رضى اللّـه عنــهاއަށް ވިސްނައިދެއްވައި އެކަން މަނާކުރެއްވިއެވެ. އެއަށްފަހު އެހެނިހެންأمّهاتންނަށްވެސް ވިސްނައިދެއްވަން މަސައްކަތްކުރެއްވިއެވެ. އެކިބޭކަނބަލުންގެ އަރިހަށް ވަޑައިގެން ނަސޭހަތްދެއްވިއެވެ. އެގޮތުންالسّيّدة أمّ سلمةގެ އަރިހަށް އެދެބޭކަލުން ވަޑައިގެން ވާހަކަދެއްކެވުމުން ޖަވާބުގައި ވިދާޅުވިއެވެ.
"ތިޔަދެބޭކަލުން ތިޔައުޅުއްވަނީ ކޮންކަމެއް ބޮޑުވެގެންތޯއެވެ؟ ތިޔަބޭކަލުންނާއި ތިޔަބޭކަލުންގެ އަނބިއަނބިކަނބަލުންނާ ދޭތެރޭގެ މައްސަލަތަކަށްވެސް އެހެންމީހުން ވަދެއުޅޭތޯއެވެ؟ އަޅުގަނޑުމެންގެ ބޭނުންތަކުގެ ވާހަކަ އަޅުގަނޑުމެން ދަންނަވަން އެންމެ ޙައްޤުކަންބޮޑީ އަޅުގަނޑުމެންގެ ފިރިކަލުންرسول اللّـه صلّى اللّـه عليهوسلّمގެ އަރިހުގައެވެ. އެކަންކަމުގައި އެކަލޭގެފާނުގެ ކޮށްދެއްވޭނެކަމެއް އޮތްކަމުގައިވާނަމަ، އެކަމެއްކޮށްދެއްވުން އެންމެ އައުލާކަންބޮޑީ އެކަލޭގެފާނެވެ. އެކަލޭގެފާނަށް ކޮށްދެއްވޭފަދަ ކަމަކަށްނުވާތީ އެކަން މަނާކުރައްވާނަމަ އަޅުގަނޑުމެން ކިޔަމަންވެ ބޯލެނބުން އެންމެ ޙައްޤުކަންބޮޑީވެސް އެކަލޭގެފާނުގެ ނަސޭހަތްޕުޅަށެވެ. އެކަލޭގެފާނުގެ އަމުރުފުޅަށެވެ."
އެއަށްފަހުعمر بن الخطّاب رضى اللّـه عنــهއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.
"އޭإبن الخطّابއެވެ!سبحان اللّـهއެވެ! ކަލޭގެފާނު ހުރިހާކަމެއްގެ ތެރެއަށް ވެދެވަޑައިގަންނަވަމުންގޮސް އެންމެފަހުންرسول اللّـه صلّى اللّـه عليهوسلّمއާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ދެމެދަށްވެސް ވެދެވަޑައިގަންނަވާން ފެއްޓެވީތޯއެވެ؟"
أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاމި ޖަވާބު ދެއްވުމުންعمرގެފާނާއިأبوبكرގެފާނާ ދެބޭކަލުން އިތުރު އެއްޗެކޭ ވިދާޅުނުވެ އެނބުރިވަޑައިގެންނެވީއެވެ.سيّدةގެ ޖަވާބާމެދުأمّهاتން އުފާކުރައްވައި އެކަމަނާއަށް ތާރީފުކުރެއްވިއެވެ.
ބޭފުޅުން ތަރްބިޔަތުކުރެއްވުން
أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއެކަމަނާގެ ބޭފުޅުންނަށް ހަރުދަނާ ތަރުބިޔަތެއް ދެއްވައި، ޢިލްމު އުނގަންނަވައިދެއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ނަތީޖާއެއްގެގޮތުން އެކަމަނާގެ ބޭފުޅުންނަކީ ޢިލްމުވެރި، ހަރުދަނާ، ޤާބިލު ބޭފުޅުންކޮޅެކެވެ. އެކަމަނާގެ ދަރިކަނބަލުންالسّيّدة زينب بنت أبى سلمة رضى اللّـه عنــهاއަކީ އެޒަމާނުގެ މަޝްހޫރު ފިޤުހުވެރި ބޭކަނބަލެކެވެ.أمير المؤمنينعلى بن أبى طالب رضى اللّـه عنــهގެ ޚަލީފާކަމުގައި އެކަމަނާގެ ދަރިކަލުންعمر بن أبى سلمة رضى اللّـه عنــهއަށް ފާރިސްކަރައާއި ބަޙްރައިނުގެ ގަވަރުނަރުކަން ދެއްވިއެވެ. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާގެ ދަރިކަލުންسلمةއާ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުحمزة بن عبد المطّلبގެ ދަރިކަނބަލުންأمامة بنت حمزة رضى اللّـه عنــهاއާ ކާވެނިކޮށްދެއްވިއެވެ.
أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاގެ އަރިހުން ރިވާވެފައިވެއެވެ. ކައުސާހިބާصلّى اللّـه عليهوسلّمއާ އެކަމަނާ އެއްދުވަހަކު ސުވާލު ކުރެއްވިއެވެ.
"އޭ މާތްاللّـهގެرسولއާއެވެ! އަޅުގަނޑުގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބިފައިވާ ކުދީންނަށް ޚަރަދުކުރުމުން އަޅުގަނޑަށް ޘަވާބު ލިބޭނެތޯއެވެ؟ އެކުދީން ނުބަލައި ދޫކޮށްލެވޭކަށެއްވެސް އަޅުގަނޑަކަށް ނޯންނާނެއެވެ. އެހެނީ އެއީ އަޅުގަނޑު ބަނޑުއަޅައި ވިހެއި އަޅުގަނޑުގެ ކުދީންނެވެ." ކައުސާހިބާصلّى اللّـه عليهوسلّمޙަދީޘު ކުރެއްވިއެވެ. "ޝައްކެއްނެތެވެ. ކަމަނާ އެކުދީންނަށް ކުރައްވާ ކޮންމެ ހޭދަޔަކަށްވެސް ކަމަނާއަށް ދަރުމައާއި ޘަވާބު ލިބިވަޑައިގަންނަވާނެއެވެ."
ދެވަނަފަހަރަށް ހުވަފަތްވެވަޑައިގަތުން
ކައުސާހިބާصلّى اللّـه عليهوسلّم،حجّة الوداعން އެނބުރިވަޑައިގަތުމާއެކު ސުވަރުވެޑައިގަތުމުގެ ދަތުރުފުޅުގެ ތައްޔާރީތައް ފައްޓަވައިފިއެވެ. އިތުރު ސާހިބާ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ފެށެނީ، އިސްތަށިފުޅުގައި ރިހިވަޑައިގަތުމާއި ހުންފުޅު އައުމުންނެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅުގެ ކުރީކޮޅުގައި އެކިދުވަސް ހޭދަކުރައްވަމުން ގެންދެވީ އެކިއެކިأمّهاتންގެ ކޮޓަރިކޮޅުގައެވެ. އާލާސްކަންފުޅު ބޮޑުވުމުގެ ސަބަބުންأمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــهاގެ ކޮޓަރިކޮޅުގައި މަޑުކޮށްލެއްވުމުންވެސްأمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاއިތުރު ސާހިބާގެ ޙާލުކޮޅު ދެކެވަޑައިގަންނަވަން ގިނަގިނައިން ވަޑައިގެން އުޅުއްވިއެވެ. އިތުރު ސާހިބާގެ އާލާސްކަންފުޅު ވަރަށް ބޮޑުވި ވަގުތަކުأمّ المؤمنين السّيّدة أمّ سلمةއަށް ބާރަށް ކީރިތިކުރައްވައިގެންނެވުނެވެ. ކައުސާހިބާصلّى اللّـه عليهوسلّمއެކަމަނާއާ ދިމާޔަށް ބައްލަވައިލައްވައިފައި ޙަދީޘު ކުރެއްވިއެވެ. "ތިޔައީ މުސްލިމުންގެ ގޮތެއް ނޫނެވެ."
އިތުރު ސާހިބާގެ އާލާސްކަންފުޅަށް ފަރުވާކުރެއްވުމަށްޓަކައި އެކަލޭގެފާނަށް ހިއްޕަވާނެ ބޭސްކޮޅެއް އަރުއްވަންأمّهاتން އުޅުއްވިއެވެ. ނަމަވެސް އިތުރު ސާހިބާ ބޭސްކޮޅު ހިއްޕަވަން ކުރެއްވީ އިންކާރެވެ. އިތުރު ސާހިބާ ހޭފުޅުނެތުނު ވަގުތަކު،السّيّدة أمّ سلمة رضى اللّـه عنــهاއިތުރު ސާހިބާގެ އެހެން އަނބިކަނބަލެއްގެ އެހީފުޅާއެކު އިތުރު ސާހިބާގެ ދެދަތްޕިލާފުޅު ދުރުކުރައްވައި އަނގަފުޅަށް ބޭސްކޮޅު އެޅުއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمހޭފުޅުއެރުމުން އެވަގުތު އެތާނގައި ތިއްބެވި ހުރިހާأمّهاتالمؤمنينންނަށް އެބޭސް ހިއްޕަވަން އެންގެވިއެވެ.(بخارى)
السّيّدة أمّ سلمة رضى اللّـه عنــهاދެވަނަފަހަރަށް ހުވަފަތްވެވަޑައިގަތީ 12 ރަބީޢުލްއައްވަލް 11 ގައެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمގެ އަރިހުގައި ގާތްގަނޑަކަށް ހަތްއަހަރުގެ ޒަވާޖީ ޙަޔާތްޕުޅެއް ހޭދަކުރެއްވުމަށްފަހުގައެވެ.
އިތުރު ސާހިބާصلّى اللّـه عليهوسلّمސުވަރުގެވަޑައިގެންނެވިއިރު،أمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاވަނީ އިތުރު ސާހިބާގެ އިސްތަށިކޮޅުތަކެއް ދަޅަކަށްލައްވައި ރައްކާކުރައްވައިފައެވެ. ބަލިމީހަކު އެކަމަނާގެ އަރިހަށް އަތުވެއްޖެނަމަ، އެއިސްތަށިފުޅުތައް ފެންތައްޓަކަށް ގަންބަވާލައްވައިފައި އެމީހަކަށް ބޯންދެއްވައެވެ. އެއިސްތަށިފުޅުތަކުގެ ބަރަކާތުން، އަރަހުށި މާތްاللّـهއެމީހެއްގެ ބަލި ފަސޭހަކޮށްދެއްވައެވެ.(بخارى)
އަވަހާރަވުން
ކައުސާހިބާصلّى اللّـه عليهوسلّمގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެންމެފަހުން އަވަހާރަވީأمّ المؤمنين السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنــهاއެވެ. އެކަމަނާ އަވަހާރަވި އަހަރަކާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ.إبنأبى حيشمةއާއިإبن حبّانވިދާޅުވާގޮތުގައި، އެކަމަނާ އަވަހާރަވީ ހިޖުރައިން 61 ވަނަ އަހަރުގައެވެ.إمام بخارىވިދާޅުވާގޮތުގައި ހިޖުރައިން 58 ވަނަ އަހަރުއެވެ.واقدىލިޔުއްވާގޮތުގައި ހިޖުރައިން 59 ވަނަ އަހަރުއެވެ. މިޒަމާނުގެ މުޙައްޤިޤުންގެ ތެރެއިންعلامة شبلى نعمانىއާއިسيّد سليمان ندوىބުރަވެވަޑައިގަންނަވާގޮތުގައި އަދިقاضى محمّد سليمانމަންޞޫރުޕޫރީ ލިޔުއްވާ ގޮތުގައި ހިޖުރައިން 60 ވަނަ އަހަރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ ބައެއް ރިވާޔަތްތަކުގައި އައްޑިހަ އަހަރުފުޅެވެ. އަނެއްބައި ރިވާޔަތްތަކުގައި އައްޑިހަ ހަތަރު އަހަރުފުޅެވެ.
އެދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް ހުންނެވީمروان بن الحكيمއެވެ. އާދަވެގެން އިމާމުވެ ކަށުނަމާދުކުރައްވަނީ އޭނާއެވެ. ނަމަވެސްأبو هريرة رضى اللّـه عنهލައްވައި އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރުވުމަށްأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنــهاއޮތީ ވަޞިއްޔަތް ކުރައްވައިފައެވެ. އެހެންކަމުން އެކަމަނާގެ މައްޗަށް ކަށުނަމާދުކުރެއްވީأبو هريرة رضى اللّـه عنهއެވެ. ޤަބުރުފުޅުގައި ވެޑުއްވީ އެކަމަނާގެ ދެދަރިކަލުންކަމުގައިވާسلمة بن أبى سلمةއާއިعمر بن أبى سلمةއާއި، އަޚުعبد اللّـه بن أبى أميّةއާއި،عبدالرّحمن بن وهبއެވެ. އެކަމަނާ ފަސްދާނުލެވުނީ ޖަންނަތުލްބަޤީޢުގައެވެ. އިތުރު ސާހިބާصلّى اللّـه عليهوسلّمގެ އަނބިއަނބިކަނބަލުން ފަސްދާނުލެވިފައިވާ ސަފުގައެވެ.
(ނުނިމޭ)