27 Mar 2016, 09:44
ރަހްމަތްތެރިކަމުގެ މެޗެއްގައި ފަހަތުން އަރާ 3-2ގެ ނަތީޖާ އަކުން އިނގިރޭސީން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލިކޮށްފި އެވެ.
ބާލިންގެ އޮލިމްޕިއަސްޓަޑަން ސްޓޭޑިއްގައި ރޭ ކުޅުނު އެ މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ ޖަރުމަނާއި އިނގިރޭސީންގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ލީޑް ނެގީ ޖަރުމަނުންނެވެ.
ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖަރުމަނުގެ ޓޯނީ ކްރޫސް އެ ގޯލު ކާމިޔާބު ކުރީ މެދު ރޮނގު މަތިން އޮޒިލް ދިން ބޯޅަ އެއް ހިފައިގެން އައިސް އިނގިރޭސި ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ފުނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
ޖަރުމަނުން ލީޑްގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު ދެވަނަ ހާފް ފެށިގެން 57 ވަނަ މިނެޓްގައި އެ ޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އިނގިރޭސިން ނުތަނަވަސް ކޮށްލައިފަ އެވެ. އެ ގޯލު މާރިއޯ ގޮމޭޒް ކާމިޔާބު ކުރީ ސެމީ ކެދީރާ އިނގިރޭސި ގޯލު އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ޖަރުމަނުން ދެވަނަ ގޯލު ކާމިޔާބް ކުރިތާ ހަތަރު މިނެޓް ފަހުން އިނގިރޭސިންނަށް ލިބުނު ކޯނަރެއްގައި ހެރީ ކޭން ވަނީ ގޯލެއް ކާމިޔާބް ކޮށް ޖަރުމަނުގެ ގޯލު ހުޅުވާލަދީފަ އެވެ. އެ ގޯލަކީ އިނގިރޭސި ޓީމްގެ ފުރަތަމަ 11 ގައި ހެމެނިގެން ކުޅެން ނިކުމެ ކޭން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ކޭންގެ އެ ގޯލަށް ފަހު އިނގިރޭސިން ދިޔައީ ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އިނގިރޭސިންނަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 75 ވަނަ މިނެޓްގައި ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ ކާމިޔާބު ކުރީ ނެތަނިއަލް ކްލައިން ހުރަސަ ކޮށްލި ބޯޅަ އެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
އިނގިރޭސިން އެ މެޗުން މޮޅުވީ އިތުރު ވަގުތުތެރޭގައި ޖޯޑަން ހެންޑަސަން ނަގައިދިން ކޯނަރު އެޑިކް ޑަޔާ ފުންމާގެން އަރާ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.