ލަންކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިރާޖާއި ދިވެހި މިޔުޒިކީ ފަންނާނުންގެ ހުށަހެޅުންތަކެއް ފެންނަ ހާއްސަ ޝޯއެއް މިރޭ ކާނިވާ ސްޓޭޖުގައި އޮންނާނެ އެވެ.

ދީނި ގޮތުން ހަރާމްކަމެއް ކަމަށް ބުނެ ދާދިފަހުން ލަވަކިޔުން ހުއްޓާލާފައިވާ ޝާނީގެ ސޯލޯ އަލްބަމަކާ އެކު ދިވެހިންގެ ތެރެއަށް މަޝްހޫރު ވެގެން ދިޔަ އިރާޖް މިރޭ ކާނިވަލް ސްޓޭޖްގައި ޕާފޯމް ކުރާނީ އެޓޯލް ޑިސްކަވަރީން ބާއްވާ ސްޕިރިޓް ސިންކްރޮނައިޒް އެންޑް އެނަޖައިޒް ކޮންސަޓް ޝޯގަ އެވެ.

މިއީ ޝާނީ އާއި ނުލާ އިރާޖް ރާއްޖޭގައި ޕާފޯމް ކުރާ ފުރަތަމަ ފަހަރެވެ.

އިރާޖާ އެކު މިރޭ ސްޓޭޖުން ފެންނާނެ ދިވެހި ފަންނާނުގެ ތެރޭގައި ޒުވާނުންގެ މެދުގައި މަގުބޫލު "ޑިންބާ ފެމިލީ" އާއި "ދަ ޑޭމްޑްވަންސް" އަދި ހިޕްހޮޕް ގްރޫޕެއް ކަމަށްވާ ބްލެކް "ޕްރިޒަން 8" ގެ އިތުރުން ބޮޑުބެރު ގްރޫޕެއް ކަމަށްވާ "ފުރަދަން"އާ އެކު އިންސްޓްރުމެންޓަލް ރޮކް ބޭންޑެއް ކަމަށްވާ "ބީޔޫބީއެސް" ހިމެނެ އެވެ. އަދި ލަންކާގެ މަޝްހޫރު ޕޮޕް/ރެޕް ގްރޫޕެއް ކަމަށްވާ އިލް ނޮއިޒް ކްރޫ އާއި ކްލެމެންޓް ވެސް ބައިވެރިވާނެ އެވެ.

ލަންކާގެ ފަންނާނުންނާއި އެކު އިރާޖު ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އެވެ. މިރޭ ބާއްވާ ފޯރިގަދަ ޝޯގެ ޓިކެޓް ވިއްކަމުން އަންނަނީ 75ރ. އަށެވެ. ޓިކެޓް ލިބެން ހުންނާނީ ކާނިވާ ސްޓޭޖް ކައިރިންނާއި އޭސީސީ ޓްރެވެލް އޭޖެންސީގެ އޮފީހުން ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެ އެވެ.