ދުނިޔޭގެ އޯޓިޒަމް ދުވަހަށް ޚާއްސަކޮށްގެން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ޚާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

ދުނިޔޭގެ އޯޓިޒަމް ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހުގެ ދެ ވަނަ ދުވަހެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން "ސަން"އަށް ވިދާޅުވީ އޯޓިޒަމް ދުވަސް ފާހަގަ ކުރުމަށްޓަކައި، އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ މެންދަމު 12:00ގައި ޚާއްސަ ދުވުމެއް މާލޭގައި އޮންނާނެ ކަމަށެވެ.

އިފްހާމް ވިދާޅުވީ، އޯޓިޒަމަށް ހޭލުންތެރި ކުރުވުމަށް ރާއްޖޭގައި މިޑްނައިޓް ރަންއެއް ބާއްވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ފަސް ކިލޯމީޓަރުގެ ދުރުމިނަށް ކުރިޔަށް ދާ މި ދުވުން ފެށޭނީ ސޯޝަލް ސެންޓަރުންނެވެ. އޯޓިޒަމް އެސޯސިއޭޝަނުން ބުނީ، މި ދުވުމުގައި ބައިވެރިވެވޭނީ އެކަމަށް ޚާއްސަ ބިބްއެއް ގަނެގެން ކަމަށާއި، އެ ބިބް އޯޓިޒަމް އެސޯސިއޭޝަނުން 30 ރުފިޔާއަށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ.

މި ދުވުމުގައި ބައިވެރިވުމަށް 300 މީހުން މިހާރު ވަނީ ހަމަވެފަ އެވެ.

އޭޕްރިލް ދެ ވަނަ ދުވަހުގެ ހެނދުނާއި ހަވީރު ވެސް ހިންގުމަށް ހަރަކާތްތަކެއް އޯޓިޒަމް އެސޯސިއޭޝަނުން ވަނީ ރާވައިފަ އެވެ. އެގޮތުން، އެ ދުވަހުގެ ހެނދުނު 9:00 ގައި، "އޯޓިޒަމް އާއިލީ ނާސްތާ"ގެ ނަމުގައި ހެނދުނުގެ ނާސްތާ، ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިފްހާމް ވިދާޅުވި އެވެ.

އިފްހާމް ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވެވޭނީ އޯޓިޒަމް ހުންނަ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އެކަނި ކަމަށެވެ. އެގޮތުން އޯޓިޒަމް އެސޯސިއޭޝަނުގައި ރެޖިސްޓާ ނުވެ ތިބި، އޯޓިޒަމް ހުންނަ ކުދިންނަށް ވެސް މި ނާސްތާގައި ބައިވެރިވެވޭނެ ކަމަށާއި، އެ ކުދިންގެ އާއިލާތަކުން ވީހާ ވެސް އަވަހަކަށް އޯޓިޒަމް އެސޯސިއޭޝަނުގައި އެކަން އެންގުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.

އޯޓިޒަމް ދުވަހުގެ ހަވީރު ޚާއްސަ ދެ ހަރަކާތެއް އެއްފަހަރާ ބޭއްވުމަށް ވެސް ވަނީ ރާވައިފަ އެވެ. އެއީ "ވޯކް ފޯރ އޯޓިޒަމް" ހިނގާލުމާއި، "ރައިޑް ފޯރ އޯޓިޒަމް" ބައިސްކަލު ބުރެވެ. މި ދެ ހަރަކާތުގައި ވެސް ބައިވެރި ވެވޭނީ އޯޓިޒަމް އެސޯސިއޭޝަނުން އެކަމަށް ޚާއްސަ، 150 ރުފިޔާއަށް ވިއްކަން ލިބޭ ޓީޝާޓެއް ގަނެގެންނެވެ. މި ދެ ހަރަކާތް ވެސްއެކު އެކީގައި ފަށާނީ އޭޕްރިލް ދެވަނަ ދުވަހުގެ ހަވީރު 15:45 ގައި، ސޯޝަލް ސެންޓަރުންނެވެ. އެތަނުން ފެށިގެން، ހަރަކާތް ނިންމާލާނީ އާޓިފިޝަލް ބީޗަށް ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން ބުނެ އެވެ.

ހަރަކާތް އާޓިފިޝަލް ބީޗުގައި ނިންމާލުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައި ވެ އެވެ. އޯޓިޒަމް އެސޯސިއޭޝަނުގެ އެމްޑީ އިފްހާމް ހުސައިން ވިދާޅުވީ، މި ހަރަކާތުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޯޓިޒަމް އެސޯސިއޭޝަނުން ބުނީ، މި ހަރަކާތްތަކުގައި ބައިވެރި ނުވި ނަމަވެސް ބިބާއި ޓީޝާޓު ގަތުމަކީ އެ އެސޯސިއޭޝަނުން އެދޭ ކަމެއް ކަމަށެވެ. އަދި މިތަކެތި ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރެވޭނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން، އޯޓިޒަމް ހުންނަ ކުދިންނަށް ހިންގާ ހަރަކާތްތަކަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.