ދިވެހި ފައިސާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ 25 ލާރީގެ އާ ސުޓޮކެއް ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނީ 25 ލާރީ ފައިސާ ފޮތީގެ ސުޓޮކް މަދުވުމުގެ ސަބަބުން އަލުން ޖަހައިގެން މިދިޔަ ހޮނިހިރު ދުވަހު ގެނެސްފައިވާ ކަމަށެވެ. އެފައިސާތައް މިހާރުވަނީ ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފަސް ރުފިޔާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަރުދާސް ލާރީގެ ބަދަލުގައި ފަސް ރުފިޔާގެ ވަކި ލާރި ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެއާއެކު ދެ ރުފިޔާގެ ބަރުދަން ލުއި ކުރުމަށްވެސް އެމްއެމްއޭއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެއިދާރާއިން ވަނީ މިދިޔަ އަހަރު ތެރޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި ފައިސާގެ ބަދަލުގައި "ރަންދިހަފަހެއް" ގެ އާ ނޫޓްތަކެއް ތައާރަފްކޮށްފައެވެ. އެ ނޫޓުތަކަކީ މިޒަމާނުގެ ފެންވަރަށް ތައްޔާރުކޮށްފައި ހުރި ސަލާމަތީ ސިފަތައް ވަރުގަދަ ނޫޓުތަކެކެވެ.