27 Mar 2016, 09:38
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން ބޭއްވި ދެ ވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ސްޓިންޖާސް ބާސްކެޓް ކްލަބް ބަލިކޮށް ދަ ބައުސް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ސްޓިންޖާސްއާ ވާދަކޮށް ދަ ބައުސް އިން ކާމިޔާބުކުރީ 58-75 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދި ބައުސްގެ އަބްދުﷲ އަމްޒަރު އެވެ.
މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކޮށްދިން ކުޅުންތެރިޔަކަށް ހޮވުނީ ސްޓިންޖާސް އަށް 160 ޕޮއިންޓް ހޯދައިދިން ރިޝްފާން ރަޝީދެވެ.
މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ދަ ބައުސްގެ އަބްދުﷲ އަމްޒަރު ހޮވުނު އިރު، އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސްޓިންޖާސްގެ ރިފްޝާން ރަޝީދެވެ. އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ހޮވިފައި ވަނީ މުހައްމަދު ސަބީހް ތައުފީގެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދަ ބައުސްގެ އަލީ ފަޒްލީ އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދަ ބައުސްގެ އިބްރާހިމް ނަސީމެވެ. އޭނާ ވަނީ ފައިނަލް މެޗުގައި ޖުމްލަ 26 ޕޮއިންޓް ދަ ބައުސް އަށް ހޯދައިދީފަ އެވެ.
އެމްބީއޭ ކަޕްގެ ފުރަތަމަ ޑިވިޝަން ފައިނަލް އޮންނާނީ މާދަމާރޭ އެވެ. ފައިނަލްގައި ބައްދަލުކުރާނީ ވޭތުވެ ދިޔަ އަހަރު ވެސް ފައިނަލްގައި ކުޅުނު ޓީރެކްސް އާއި ރެޑްލައިން ކްލަބެވެ. މިދިޔަ އަހަރު އެ މުބާރާތް ކާމިޔާބުކުރީ ޓީރެކްސް ބަލިކުރުމަށް ފަހު ރެޑްލައިންނެވެ.