ގިނަ ބައެއްގެ މުނިފޫހި ފިލުވައި ދިނުމަށްފަހުއިބްރާހިމް އަމާންމޯލްޑިވިއަން އައިޑަލް އިން ކަޓައިފި އެވެ. މޯލްޑިވިއަން އައިޑަލްގެ "އެންޓަޓެއިނަރ"ގެ ގޮތުގައި މަޝްހޫރުވެފައިވާ އަމާން ޝޯވް އިން ކަޓާފައިވަނީ ވޭތުވެދިޔަ ތިން ހަފުތާގައިވެސް "ބޮޓޮމް ތްރީ" ގައި ހިމެނުމަށްފަހު އެވެ.

އަމާން އާއެކު ދެން ބޮޓޮމް ތްރީގައި ހިމެނުނު އަނެއް ދެ ބައިވެރިންނަކީ، މުހައްމަދު ޒަލީފު އަބްދުﷲ އާއި އަބްދުﷲ ސޯދިގު އެވެ.

އަމާން އާއި ސޯދިގު ރޭގެ ޝޯވްގައި ލަވައެއް ހުށައަޅައިދެނީ --- ފޮޓޯ: މޯލްޑިވިއަން އައިޑަލް ޓުވިޓާ

މިހަފްތާގެ ޝޯވް އިން އަމާން ކެޓުމާއެކު، ގަދަ ހަތަކަށް ދަތުރު ކުރި ބައިވެރިންނަކީ، އަބްދުﷲ ސޯދިގު، މުހައްމަދު ޒަލީފު އަބްދުﷲ، ލައިޝާ ޖުނައިދު، މުހައްމަދު މުއައްޒިން ނައީމް، ޝަލަބީ އިބްރާހިމް އަދި މުހައްމަދު އިޝާން ގެ އިތުރުން އަބްދުﷲ ފާލިހު އެވެ.

ރާއްޖޭގައި ފުރެންޗައިޒް އުސޫލުން މިހާނަތަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވް، މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯވް އޮންނާނީ އަންނަ އެޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ.