26 Mar 2016, 23:23
ކަޓަމަރާން އުފައްދާ ޓޮޕްކެޓުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑު ސެއިލިންގ ޗެންޕިއަންޝިޕްގައި ވާދަ ކުރުމުގެ ފުރުސަތު އަބްދުލް ޣަފޫރު އަލީ (ގައްބެ) އަށް ލިބުިއްޖެ އެވެ.
ސަން އާ ވާހަކަ ދައްކަމުން ގައްބެ ބުނީ، ރާއްޖެ ވަށައި ބުރު ޖަހަން ފެށި ދުވަހުން ފެށިގެން ޓޮޕްކެޓު ވޯލްޑު ކަޕަށް އޭނާ ކޮލިފައި ވެފައިވާ ކަމަށެވެ.
"ރާއްޖެ ވަށައި ބުރުޖަހާ ދުވަހުން ސުރެ ޓޮޕްކެޓު ވޯލްޑް ކަޕަށް ކޮލިފައިވިކަން އެނގިފަ އިނީ. މިހާރު އިންނާނީ ރަޖިސްޓްރޭޝަންވެސް ނިންމާފަ،" ގައްބެ ބުންޏެވެ.
ގައްބެ ބުނީ، އަންނަ ސެޕްޓެމްބަރު މަހު ކްރޮއޭޝިއާގައި ބާއްވާ އެ މުބާރާތަށް ފަރިތަ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"މިހާރު އެކޮޅުން ކިޓާއި ހުރިހާ އެއްޗެއް މިކޮޅަށް އެބަ ޕްރޮވައިޑު ކޮށްދޭ. ކޮށްދިނީމަ ފުރަތަމަ އޮތީ މިކޮޅުގަ ޕްރެކްޓިސްކޮށްފަ ފަހުން އެކޮޅުގަ ޕްރެކްޓިސް ކުރާ ގޮތަށް،" ގައްބެ ބުންޏެވެ.
ގައްބެ ބުނީ، އެފަދަ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރެވޭތީ ވަރަށް އުފާވާ ކަމަށާއި، އެ މުބާރާތުގައިވެސް ދެވޭ އެންމެ ކުރިއަކަށް ދިއުމަކީ އަމާޒު ކަމަށެވެ.
ތިރީސް އަށް ދުވަސްތެރޭ ރާއްޖެ ވަށާ ބުރު ޖެހި ގައްބެ ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ، ރަން ވަނަތަކެއް ހޯދާފަ އެވެ.