26 Mar 2016, 21:31
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ރަމަޟާން މަހުގެ ފަހު 15ގައި އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ، އެ ކޯޕަރޭޝަނުން ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރަށް ކުރިމަތި ލުމުގެ މުއްދަތު ގިނަ ބައެއްގެ އެދުމުގެ މަތިން އަންނަ އެޕްރިލް މަހު 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އިއުލާން ކޮށްގެން އުޅޭތާ އެއް މަހާ ދުވަސްކޮޅެއް ވެދާނެ. އެހެން ނަމަވެސް ވަރަށް ގިނަ ފަރާތްތަކަކުން އަދިވެސް ރިކުއެސްޓު ކުރާތީ އަޅުގަނޑުމެން މިހާރު ޑެޑްލައިން އެކްސްޓެންޑް ކޮށްފައި ވާނީ އޭޕްރިލް 14 ވަނަ ދުވަހާ ހަމައަށް،" ޔާމީން އިދުރީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ގެ ރަމަޟާން މަހު ކުރުމަށް ހަމަޖެހިފައިވާ އުމްރާ ދަތުރުގެ އަގަކީ 39،965 ރުފިޔާ ކަމަށެވެ. އަދި ރަޖިސްޓްރީ ވާ ފަރާތްތަކުން ފުރަތަމަ ފަހަރަށް 10،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ދައްކަން ޖެހެނީ 10،000 ރުފިޔާ. ދެން އެއަށްފަހު ބާކީ ބައި މި އިންނަނީ އޭޕްރިލް މަސް ނިމުމުގެ ކުރިން ދައްކައި ހަލާސް ކުރާ ގޮތަށް،" ޔާމީން އިދުރީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކޯޕަރޭޝަންގެ ހަވާލުގައި ކުރާ އުމްރާ ދަތުރަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ޓާގެޓު ކުރަނީ އެ ލިބުނު އަދަދަކަށް މިސާލަކަށް 200 ވަރަކަށް މީހުންނަށް... މީހާރުވެސް 100 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ވެފައިވަނީ،" ޔާމީން އިދުރީސް ވިދާޅުވި އެވެ.